ކްރިސީ މެޓްސް ގެ ވާހަކައަކީ އެންމެ ހިތާ ކުޅެލާފަދަ އަސަރު ގަދަ ވާހަކައެކެވެ.
މި ކުޅަދާނަ އެކްޓަރުގެ ފަރާތުން ފެނިގެންދަނީ ކިތަންމެ މާޔޫސްވާ ފަދަ ކަންތަކާއި ދިމާވިނަމަވެސް ހިތްވަރު އެލުވާ ނުލާ ކުރިޔަށް ގޮސްފިނަމަ ކާމިޔާބުވާނެ ކަމެވެ. މެޓްސްގެ ދިރިއުޅުމުގައި އެތައް ކަމަކާއި ކުރިމަތި ލުމަށްފަހު، 'ދިސް އިސް އަސް' ގައި ކުޅެލަން ލިބުނު ރޯލްގެ ސަބަބުން އޭނާގެ ހުވަފެނީ ދިރިއުޅުނުން އަސްލަކަށް ހަދާލުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ.
'ކޭޓް' ގެ ރޯލް 'ދިސް އިސް އަސް' ގައި ކުޅެލަން ލިބުމަށްފަހު އޭނާގެ އަމިއްލަ ދިރިއުޅުމުގައި ދިމާވެފައި ހުރި ކަންތަކާއި މި ކެރެކްޓަރ އާއި އޭނާ އާއި ހުރި ގުޅުން އޭނާ ހިއްސާ ކޮއްލަ ދެއެވެ.
ކުޑައިރުގެ ދަތިއުނދަގޫތައް
ކްރިސީ އޭނާގެ ބަރުދަން ލުއި ކުރުމަށްޓަކައި ކުރި މަސައްކަތްތަކާއި އެކަމުގައި އޭނާ ހޭދަ ކުރި ދުވަސްތަކާއި ބެހޭ ގޮތުން ބުނެފައި ވަނީ އޭނާއަކީ އެންމެ ކުރީގެ ހަނދާނުގައިވެސް ފަލަކޮށް ހުންނަ ކުއްޖެކެވެ. އަބަދުވެސް އެހެން ކުދިންނަށް ވުރެން ބިޔަ ކަމަށް ފެންނަ ކަމަށާއި އެހެން ކުދިން ފަދައިން ބޭނުން އެއްޗެއް ނުކެވޭ ހަނދާން ހުންނަ ކަމުގައި ބުންޔެވެ.
ބައެއް ކާއެއްޗިހިން ވަގުތުން މީހާގެ ހަށިގަނޑައް އެނގުންވެގެން ދެއެވެ. އެކަމަށް ހައްލެއްގެ ގޮތުން ބަރުދަން ލުއި ކުރާ ކުލާހަކަށް އެންމެ 11 އަހަރުގެ ކްރިސީ ވެއްދި އިރު އޭނާއަކީ އެތަނުގައި ހުރި އެންމެ ކުޑަ ކުއްޖާ އެވެ. މިކަމާ ކިތަންމެ ހިތްހަމަ ނުޖެހި ދެރަވީ ނަމަވެސް އޭރު މަންމަ މަސައްކަތް ކުރީ އޭނާ އަށް އެހީއެއް ވެދިނުމަށް ކަމަށް ކްރިސީ ގަބޫލުކުރެއެވެ.
ފިލްމީދާއިރާއަށް ނުކުތުން
އެކްޓިންގް ގެ ދާއިރާއިން ކުރިޔަށް ދިޔުމަށް ވިސްނީ އުމުރުން 20ގެ އަހަރުތަކުގެ ތެރޭގައެވެ. އޭރު އޭނާ މަސައްކަތް ކުރަމުން އައީ ޓީޗަރެއްގެ ހައިސިއްޔަތުންނެވެ.
އޯޑިޝަންއެއްގައި ބައިވެރިވުމަށް ނިކުތީ ކްރިސީގެ ދައްތައެވެ. މި އޮޑިޝަންގައި ބައިވެރި ކުރުމަށް ދައްތަޔާއި އެކު ދިޔަ ދަތުރުގައި ކްރިސީއަށް ކުރީގައި ކިޔަވާދިން ޓީޗަރަކާއި ދިމާވެ އޭނާ ދިން ހިތްވަރުން ކްރިސީވެސް އޮޑިޝަންގައި ބައިވެރި ވުމަށް ނިންމިއެވެ. މި އޮޑިޝަންގައި މާ ބޮޑެތި ކާމިޔާބުތަކެއް ލިބޭނެ ކަމަށް ނުބަލާންހުރި ކްރިސީ ހައިރާންކޮއްލީ އޭނާއަށް އެމީހުން ގުޅުމުންނެވެ.
މި ހިސާބުން އޭނާގެ ދިރިއުޅުން އެލް. އޭ. އަށް ބަދަލުކޮށް އެކްޓިންގް ގެ ދާއިރާއިން ކުރިޔަށް ދެވޭތޯ މަސައްކަތް ކުރަން ނިންމިއެވެ.
ހޮސްޕިޓަލް ދަތުރު
މެޓްސްގެ މުޅި ހަޔާތުގައިވެސް އަބަދުވެސް ދިޔައީ އޭނާގެ ބަރުދަނާއި ހަނގުރާމަ ކުރަމުންނެވެ. ޑައެޓްކޮށް ކަސްރަތު ކުރިނަމަވެސް ދިމާވާ ކުޑަ ކަމަކުންވެސް މަދުވި ބަރުދަން އަނބުރާ އޭނާގެ ހަށިގަނޑުން ފެނިގެންދެއެވެ. އެލް. އޭ އަށް ބަދަލުވުމަށްޓަކައި 50 ޕައުންޑް ލުއިވިނަމަވެސް އެ ރޯލް ލިބުމަށްފަހު ދިމާވި ދަތިތަކާއި ހުރެ ކެއުން ކޮންޓްރޯލް ނުކުރެވި، މަދުވި ބަރުދަންނުގެ އިތުރަށް ބައެއްވެސް އިތުރުވެގެން ދިޔައެވެ.
އޭނާގެ 30ވަނަ އުފަންދުވަހު ޕެނިކް އެޓޭކްއެއް ޖެހި ހޮސްޕިޓަލްއަށްވެސް ގެންދެވުނެވެ. މިހިސާބުން ކްރިސީ ނިންމީ އޭނާގެ ބަރުދަން ކޮންމެސް ގޮތަކުން ކޮންޓްރޯލް ކުރުމަށެވެ. މި ނިންމުމުގައި 6 މަސްތެރޭގައި 100 ޕައުންޑް ލުއިވެގެން ދިޔައެވެ. އޭނާ ނިންމީ އާދައިގެ ފަސޭހަ އަދި އެކަން ކޮންމެ ދުވަހަކުވެސް ކުރެވޭނެ ގޮތަކުން ފަށާށެވެ.
މިގޮތުން އޭނާ ކުރި ކަމަކީ ދުވާލެއްގެ މައްޗަށް 2000 ކެލަރީއަށްވުރެ އިތުރަށް ނުކެއުމާއި 20 މިނިޓް ކޮންމެ ދުވަހަކުވެސް ހިންގާލަން ނިކުތުމެވެ. މީގެ ދުވަސްކޮޅެއް ފަހުން 'އެމެރިކަން ހޮރޯ ސޮޓޯރީ' ގައި ކުޅެލަން ލިބުނު ބައިގައި ފަލަސޫޓް އެއް ލާން ޖެހުމަކީ އޭނާއަށް އެ ބަރުދަނުގެ ސަބަބުން ވާ އުނދަގޫތައް ތަހަންމަލް ކުރަން ޖެހުނު ކަމެކެވެ. މި ރޯލް ކުޅުމުގެ ތެރޭގައި ކްރިސީ ނިންމީ ދުވަހަކުވެސް ބަރުދަން މަތިވެގެން އަމިއްލަ ކަންތައް ނުކުރެވޭ ހިސާބަށް ދިޔުމަށް ބޭނުން ނުވާ ކަމަށެވެ.
މާލީ ދަތިތަށް
މަޝްހޫރު ރޯލެއް ލިބުމަކީ މިހާ މުއްސަނދި ވާނޭ ކަމެއް ކަމުގައި ހީވި ނަމަވެސް އެއީ ކުއްހީއެކެވެ. 'އެމެރިކަން ހޮރޯ ސްޓޯރީ' ގައި ކުޅުނު ބައި ނިމުމުން އަނެއްކާވެސް ދަތިކަމާއި ކްރިސީ ކުރިމަތިލާން ޖެހުނެވެ. ލާރި ހުސްވެ އުޅެ ތަނުގެ ކުލި ނުދެއްކޭވަރު ވުމުން ރައްޓެއްސެއްގެ އެހީގައި އެގޭގައިވެސް ދިރިއުޅުނެވެ.
ކްރިސީ ބުނާގޮތުން އޭނާގެ ރަހްމަތްތެރިން އަދި އާއިލާގެ އެހީއާއި ނުލާ އޭނާ ކުރިޔަކަށް ނުދާނެއެވެ. އަދި އެމީހުން ވެދިން އެހީތަކަށް އިންތިހާއަށް ޝުކުރުވެރިވެއެވެ. އޭނާގެ ރައްޓެހިންގެ ގޭގައި ހިލޭ ހުރެވުމުގެ އިތުރުން އޮޑިޝަންތަކުގައި ބައިވެރިވުމަށް ހިތްވަރު ދިނެވެ.
އަދި އެކްޓިން ކުލާހުގައި ބައިވެރިވެވޭނެ ތަނަވަސްކަން ނެތުމުން އެކަމުގައި ވެސް އެހީވެ ރޯލްތަކުގެ ބައިތައް ފަރިތަ ކުރުމުގައިވެސް އެހީތެރިވެދިނެވެ. ކްރިސީއަށް 'ކޭޓް' ގެ ރޯލް ލިބިގެން ދިޔައިރު އޭނާ ހުރީ ހުރިހާ ކްރެޑިޓް ކާޑަކުން ދަރަނިވެރިވެ ނަންމައްޗައް އެކައްޗެއްވެސް ނެތިފައެވެ.
"ދިސް އިސް އަސް"
ދިސް އިސް އަސް ގެ ވާހަކަ ކިޔާލުމުން ވަގުތުން ކޭޓްގެ ބަޔަކީ އޭނާއާއި ގުޅޭ ބައެއް ކަމުގައި ބަލައިގަނެވުނެވެ. އޭނާގެ އޭޖެންޓް ކައިރީ އާދޭސް ކޮއްގެން އޯޑިޝަންއިން ޖާގައެއް ހޯދީ މި ރޯލްއަކީ އޭނާއަށް ވަރަށްވެސް ގުޅޭ ރޯލްއެއް ކަމުގައި ފެނިގެންނެވެ. އޭނާ ދެކުނުގޮތުގައި މި ޝޯ އިން ބަރުދަން ކޮންޓްރޯލް ކުރަންހުރި ދަތިތަކާއި އެފަދަ ދަތިތައް ދިމާވާ މީހުން ތަހަންމަލް ކުރާ އުނދަގޫތައް، ކުރާ އިހުސާސްތައް އަދި ބާކީކޮށްލެވި ހިޔަނީގެ ތެރޭގައި އުޅެންޖެހިފައި ވުމުގެ ހިތާމަތައް ވަރަށް ފުރިހަމަ ގޮތެއްގައި ދައްކުވައިދެއެވެ.
ކްރިސީ ބުނާ ގޮތުން އޭނާ ދިޔަ އޮޑިޝަންވެސް ތަފާތެވެ. އެއްވެސް ވަރަކަން އޮޑިޝަންއެއްގެ ހިޔާލެއް ނާދެއެވެ. ހީވަނީ ހަމަ ސެޓްގައި ޑައިރެކްޓް ކުރެވިގެން ކުރިޔައް ދެވުންހެނެވެ.
ކުރިއެރުމާއި ތެދުވެރިކަން
އޭނާ އަބަދުވެސް އުންމީދު ކުރިފަދަ ކުރިއެރުމާއި ކާމިޔާބީ 'ދިސް އިސް އަސް' އިން ލިބިގެންދެއެވެ. އާއިލާއާއި ރަހުމަތްރެރިންގެ އަތުން ނެގިފައިވާ ދަރަނިތައްވެސް މަޑުމަޑުން ދަނީ އަދާކުރެވެމުން ނަމަވެސް އަދިވެސް އަމިއްލައަށް ބޭނުން އެއްޗެއް އަގުބޮޑުކޮށް ގަތުމަށް ޖެހިލުންވާ ކަމަށް ބުންޔެވެ. ނަމަވެސް މަޑުމަޑުން އޭނާ ދަނީ ދުވަހެއް ދުވަހަކަށް ކަންތައް ރަނގަލުކޮށް ދަސްކުރަމުންނެވެ.
ކްރިސީ ބުނާގޮތުން އޭނާއާއި އެކު އުޅެ އެހެން ތަރިންނަކީ ހަމަ އާއިލާފަދައިން އުޅޭބައެއް ކަމަށާއި އޭނާގެ މަސައްކަތުގެ މާހައުލު ވަރަށްވެސް އުފާވެރިއެވެ. އޭނާގެ ކޮންޓްރެކްޓުގައި ބަރުދަން ލުއި ކުރަން އަނގާފައިނެތަސް އޭނާގެ ކެރެކްޓަރ 'ކޭޓް' ބަރުދަން ލުއިކުރާތަން ވާހަކައިގެ ބައެއް ކަމުގައި ވުމުން ކްރިސީވެސް ބަރުދަން ލުއި ކުރަން މަސައްކަތް ކުރަން ހުރީ ނިންމައިގެންނެވެ. މިއީ އެކަން ކުރުމަށް ލިބޭ އިތުރު ހިތްވަރެއް ކަމުގައި އޭނާ ދެކެއެވެ.
ހެޔޮގޮތުގައި ލިބިފައިވާ ބާރުގެ ބޭނުންކުރުން
ކޮންމެ އިންޓަވިއު އަކުންވެސް ކްރިސީދަނީ އޭނާގެ ދިރިއުޅުމުގެ ވާހަކަ ފޮރުވުމެއްނެތި ހިއްސާކުރަމުންނެވެ. ލިބިފައިމިވާ ފުރުސަތުގެ ބޭނުންކޮށް މިފަދަ އުނދަގޫތަކާއި ދަތިތައް ދިމާވެފައިވާ މީހުންނަށް އެމީހުން ވަނީ އެކަނި ނޫންކަންއަނގައިދިނުމާއި މީހުންނަށް ވިސްނައިދީ އުނގަންނައިދިނުމަކީ އޭނާގެ ބޭނުމެވެ. ދަ ރެޕް އަށް ދީފައިވައިވާ އިންޓަރވިއުއެއްގައި ކްރިސީ ބުނެފައިވަނީ
"އަހަރެމެންނަށް ނޭނގޭ ކަންތަކާއިމެދު އަބަދުވެސް ބިރުގަނޭ... މި ޝޯގެ މަގްސަދަކީ މީހުންނަށް އުނގަންނައިދިނުން. ބަރުދަން މަތީ މީހުންނަކީ ކަނެއްގައި އަބަދު ކާންތިބޭ މީހުންނެއްނޫން. މައްސަލައަކީ ކެއުމެއްނޫން، ކެއުމަކީ އެ މައްސަލަ ހުރުމުން އޭގެ ސަބަބުން ފެންނަ ނަތީޖާ. ކާއެއްޗެހި ބެހެއްޓުމުން ދެން ފެނިގެންދާނީ އަސްލު މައްސަލަ. އެ މައްސަލައަކީ އަހަރެމެން ވާހަކަ ދައްކާ އަދި ހައްލެއް ހޯދަންޖެހޭ ކަންތައް."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް