އިންޑިއާ މީހުންގެ ތެރޭގައި އުޅޭ އެކި ދީންތަކުގެ މީހުންގެ ތެރެއިން އެންމެ އަވަހަށް އާބާދީ އިތުރުވަމުން ދަނީ މުސްލިމުންގެ ތެރޭގައި ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާގެ ތިންކް ޓޭންކުން ނެރެފައިވާ ދިރާސާއެއްގައި ބުނެފައިވަނީ އެ ދިރާސާއިން ދައްކާ ގޮތުގައި މި ނޫން އެހެން ހުރިހާ ދީންތަކުގެ ތެރޭގައި އާބާދީ ދަނީ މަދުވަމުން ކަމަށެވެ.
ޕިއު ރިސަރޗް ސެންޓަރުގެ ފަރާތުން އިންޑިއާގެ ގިނަ ދީންތަކަކަށް ނިސްބަތްވާ މީހުންގެ މެދުގައި ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ޖުމްލަ ގޮތެއްގައި އާބާދީ ވަނީ 1992 އިން ފެށިގެން ދެބައި ކުޅަ އެއްބަޔަށް ދަށަށް ގޮސްފަ އެވެ. އަދި 1992 ގައި ކޮންމެ އަންހެނަކަށް 4.4 ކުދިން ތިބި އިރު 2015 އާއި ހަމަޔަށް އައި އިރު މި އަދަދު ވަނީ 2.6 އަކަށް މަދުވެފަ އެވެ.
"އިންޑިއާގެ ގިނަ ދީންތަކެއްގެ މެދުގައި އާބާދީ ވަނީ ދަށަށް ގޮސްފަ، މީގެ ތެރޭގައި މުސްލިމް، ކްރިސްޓިއަން، ސިކް، ބުޑިސްޓް އަދި ޖައިންގެ މައިނޯރިޓީ ގްރޫޕް ހިމެނޭ ކަމުގައި މި ދިރާސާގައި ދައްކަ އެވެ.
އެހެންނަމަވެސް އަދިވެސް އެންމެ އާބާދީ ގިނަކަމަށް ދައްކަނީ މުސްލިމުންގެ ތެރޭގަ އެވެ. މީގެ ފަހަތުން ހިންދޫއިން އަދި އެންމެ މަދުން އިތުރުވެފައިވާ ކަމަށް ދައްކަނީ ޖައިންގެ ތެރޭގަ އެވެ.
ހިންދޫއިންގެ މެދުގައި ކުރިޔަށްވުރެ ދަރިން ހޯދާ ދުރުމިން ދަނީ މަދުވަމުން ނެވެ. 1992 ގައި މުސްލިމް އަންހެނުންގެ މެދުގައި އާންމުގޮތެއްގައި ހިންދޫއިންނަށްވުރެ 1.1 އަދަދަކަށް ދަރިން ގިނައިރު، މި އަދަދު ވަނީ 0.5 އަކަށް 2015 ގައި މަދުވެފަ އެވެ.
މިކަމުގެ ސަބަބުން އިންޑިއާގެ ދީންތަކުގެ އާބާދީގެ ފަރަގަށް ބަދަލުއައުން އެކަށީގެންވެ އެވެ. މުސްލިމް އާބާދީ ދަނީ އިތުރުވަމުން ކަމުން 1951 އިން ފެށިގެން މަދު ނަމަވެސް ފަރަގުތަކެއްދަނީ ފެންނަމުން ނެވެ.
2011 ވަނަ އަހަރު ނެގިފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން އިންޑިއާގެ 1.2 ބިލިއަން މީހުންގެ އާބާދީގެ ތެރޭއިން %79.8 މީހުންނަކީ ހިންދޫއިން ނެވެ. މިއީ 2001 ވަނަ އަހަރުގެ ތަފާސް ހިސާބަށްވުރެ %0.7 މަދު އަދަދެކެވެ. އަދި 1951 އާއި އަޅާކިޔާއިރު މިއީ 4.3 އިންސައްތަ މަދު އަދަދެކެވެ.
ހިންދޫއިންނާއި އަޅާކިޔާއިރު މުސްލިމުން ވަނީ 2001 ވަނަ އަހަރުގެ 13.4 އިންސައްތައިން 2011 ވަނަ އަހަރު 14.2 އިންސައްތަ އަށް ބަދަލުވެފަ އެވެ.
ކުރިސްޓިއަން، ސިކްސް، ބުޑިސްޓުން އަދި ޖައިންއިން ވަނީ ބާކީ 6 އިންސައްތަ އާބާދީގައެވެ. މި އަދަދަށް 1951 އުން ފެށިގެން އައިސްފައިވަނީ ކުޑަ ބަދަލެކެވެ. ތަފާސް ހިސާބުން ދައްކާ ގޮތުގައި އާބާދީ އަށް އަންނަ ބަދަލަކީ އިންޑިއާގެ ދީންތަކުގެ މެދުގައި ފަރަގު އުފެދޭ އެންމެ ބޮޑު ކަމެވެ.
ޕިއު އިން ދައްކާ ގޮތުގައި ލިބެންހުރި ތައުލީމީ ފުރުސަތު ތަކަކީ ވެސް އަންހެނުން ހޯދާ ދަރިންގެ އަދަދަށް ބަދަލު ގެންނަ ކަމެކެވެ. މީގައި ހިއްސާވާ އެހެން ކަންތަކުގެ ތެރޭގައި މުދާވެރިކަމާއި ދިރިއުޅުމުގެ ފެންވަރު ހިމެނެ އެވެ.
ރަނގަޅު މަދަރުސާ، ކިޔެވުން، ވަޒީފާ އަދި ރަނގަޅު ސިއްޙީ ހިދުމަތްތައް ލިބޭ އަންހެނުން ހޯދާ ދަރިންގެ އަދަދު މަދުކަމަށްވެސް ދިރާސާއިން ދައްކަ އެވެ.
އާބާދީ އިތުރުވުމުގެ އިތުރު ހިއްސާއެއްގެ ގޮތުގައި ދަރިން ލިބޭ އުމުރުގެ އަންހެނުން ގިނަވުން ވެސް ހިމެނެ އެވެ. މި ދިރާސާއިން ބުނާ ގޮތުގައި ދީނުގެ އިތުރުން އާބާދީ އިތުރުވުމުގެ ބައިވަރު ހިއްސާތަކެއްވެ އެވެ. މީގެ ތެރޭގައި އެބައެއްގެ ސަގާފަތާއި އާދަތައް، އަދި އާއިލާ ރޭވުމުގެ މުހިންމު ނިންމުންތައް ހިމެނިގެންދެ އެވެ.
"އާބާދީ އަދި ދަރިން ހޯދާ އަދަދު ނިންމައިދޭ ހަމައެކަނި ކަމަކަށް ދީން ވެގެންނެއް ނުވޭ. ދީނަކީ ވަރަށް ބައިވަރު ކަންތަކެއް ހިމެނޭ ބޮޑު މަންޒަރެއްގެގައި އެކުލެވޭ އެންމެ ބައެއް" ކަމުގައި ޕިއުގައި ލިޔެފައިވާ ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް