ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބޭނެފަދަ މާއްދާއެއް ހިމަނާފައިވުމަކީ، މޯލްޑިވްސް މީޑިއާ ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް ކަމަށް އެމްއެމްސީ އިން ބުނެފި އެވެ.
އެމްއެމްސީ އިން ބުނީ މި މާއްދާ މިގޮތަށް އޮވެ ބިލު ފާސްވެއްޖެނަމަ، ޤާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ނިގުޅައިގަނެވި، މަސްދަރު ހާމަކުރުމަށް މި މާއްދާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ދެކޭ ކަމަށެވެ. އަދި މިއީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.
މީގެ އިތުރުން މިފަދައިން ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް އެޅިގެންދާގޮތަށް ޤާނޫނެއް ފާސްވުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ ހޯދަމުންދާ ކުރިއެރުންތައް ހުއްޓިދާނެ، އަދި އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް ބައިނަލްއަޤުވާމީ އެތައް ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން، އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ވުޖޫދަށް އައުމުގެ ސަބަބުން ދިވެހިރާއްޖޭގެ މީޑިއާ ދާއިރާއަށް ލިބިގެންދިޔަ ގެއްލުންތަކުން ފިލާވަޅު ލިބިގަނެ، ހެއްކާއި ބެހޭ ބިލުން ވެސް މި ފާހަގަކުރެވުނު ބައިތައް އުނި ކުރުމަށް މި ކައުންސިލުން ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް އެމްއެމްސީ އިން ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން، މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއާ ބައްދަލުކުރުމަށާއި، އަދި މިކަން އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެހައިކަމެއް ކުރުމަށް މިއަދުގެ ކައުންސިލުގެ ޖަލްސާގައި ފާސްކޮށްފައިވާކަމަށް ވަނީ ބުނެފަ އެވެ.
ޤާނޫނު އަސާސީގެ 28 ވަނަ މާއްދާގައި، "ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުހަލާގައި މިހާރު އޮތް ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ށ) ގައި ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް، ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެ 2 ހާލަތެއް އިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް