"ކަރިޝްމާ ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކަރިޝްމާ ޕާޓީ މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެ ކޮމިޝަނުގައި އެދިފައިވާ ކަމަށެވެ. އެ ހުއްދައަށް އެދުނީ މ. ކެލަން، މުހައްމަދު އިސްމާއިލް އެވެ.
އީސީން ބުނީ އެ ހުއްދަ ނުދޭން ނިންމީ މިއަދު ކަމަށެވެ. އެ ހުއްދަ ނުދޭން ނިންމީ ދެ ސަބަބަކާއި ހެދި ކަމަށް ބުންޏެވެ.
އެއީ ފޯމާއެކު އެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުން ފުރިހަމަނުވާތީ ކަމަށެވެ. އަދި ހުށަހަޅާފައިވާ ނަމަކީ، ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއްނޫންކަމަށް ފެންނާތީ ކަމަށެވެ.
އީސީން ބުނީ އެ ނަން ސިޔާސީ ޕާޓީއަކަށް ކިޔަން ނުފެންނަ ކަމަށް 06 ޖަނަވަރީ 2019 ގައިވެސް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
މި ފަހަކަށް އައިސް އަނެއްކާވެސް ސިޔާސީ ޕާޓީތައް އުފެއްދުމުގެ ފޯރި ވަނީ ގަދަވެފަ އެވެ. އެގޮތުން ދާދިފަހުން ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްކޮށް ހުންނަވައި މޯލްޑިވްސް ނެޝަނަލް ޕާޓީ އުފައްދާފައިވާއިރު ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީންވެސް ދަނީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް