ހިޔާ ފްލެޓުވެރީންނަށް ޚާއްސަ ކޮށްގެން އެލައިޑުން އިންޝުއަރެންސް "އަހަރެންގެ ހިޔާ" ޕެކޭޖު ތަޢާރަފްކޮށްފި އެވެ.
އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް ގެ މި ޕެކޭޖު ތަޢާރަފްކޮށްފައިވަނީ އެލައިޑުގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މި ޕެކޭޖު އިއުލާންކޮށްދެއްވީ އެލައިޑް އިންޝުއަރަންސްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން އާއި އަޔާދީ ތަކާފުލްގެ އެސިސްޓަންޓް މެނޭޖަރ ފަރީދާ ސިއްތި އެވެ.
ޕެކޭޖު ތަޢާރަފް ކުރުމަށް ފަހު، އެލައިޑް ޖެނެރަލް މެނޭޖަރ ފިރުޝާން ވިދާޅުވީ އަޔާދީއިން މިޕްލޭން ތައްޔާރުކޮށްފައިވަނީ ހެޔޮ އަގެއްގައި ފަސޭހައިން ހޯދޭ ރައްކާތެރިކަމެއް އެކުލަވާލުމުގެ ނިޔަތުގައި ކަމަށެވެ.
އެގޮތުން އަހަރަކަށް އެންމެ 200 ރުފިޔާ ދައްކާލައިގެން ނެގޭ "އަހަރެންގެ ހިޔާ"ގެ ބޭސިކް ޕްލޭނުން އެކަނިވެސް 150،000 ރުފިޔާއާއި ހަމަޔަށް ރައްކާތެރިކަން ޔަގީންކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންކަމުން، ބޮޑު ޚަރަދުކޮށްގެން ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތްތައް ނިންމުމަށްފަހު ފްލެޓަށް ވަންނައިރު، ކުރިމަތިވެދާނެ މާލީ ގެއްލުމަކުން ރައްކާތެރިވުމަށް މިފަދަ ރައްކާތެރިކަމެއް އޮތުން މުހިންމު." ފިރުޝާން ވިދާޅުވި އެވެ.
އަޔާދީގެ އެސިސްޓަންޓް މެނޭޖަރ ފަރީދާ ވިދާޅުވީ، ހިޔާ ފްލެޓްތައް ލިބިލެއްވި ފަރާތްތަަކަށް މަރުހަބާ ދަންނަވާ ކަމަށާއި ހުރިހާ ބޭފުޅުން ވެސް "އަހަރެންގެ ހިޔާ"ގެ އެބޭފުޅަކަށް ކަމުދާ ޕްލޭނެއް ނެންގެވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"ކަސްޓަމަރުންގެ ޖީބަށް ލުއި ވުމުގެ އިތުރުން މިޕްލޭން ނެގުމުގައިވެސް ފަސޭހަތަކެއް އެކުލަވާލުމަށްޓަކައި މިއީ އޮންލައިންކޮށް މައިއެލައިޑުން ނެގޭނެ ޚިދުމަތެއް. އަހަރެންގެ ހިޔާގެ ޕްލޭންތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން ކްލަބްހައުސް ސެޝަންއެއް މިރޭ 9 ޖަހާ އިރު ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބައިވެރިވުމަށް ހުރިހާ ބޭފުޅުންނަށްވެސް ދައުވަތު އަރުވަން." ފަރީދާ ސިއްތި ވިދާޅުވި އެވެ.
މިޕެކޭޖުން ރައްކާތެރިކޮށްދެނީ ގޭތެރޭގައި ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ އެހެނިހެން އަގުބޮޑު ތަކެއްޗެވެ.
ޕެކޭޖުގައި 3 ބާވަތެއްގެ ޕްލޭނެއް ހިމެނޭއިރު، މިއިން ކޮންމެ ޕްލޭނަކުން ވެސް ގޭތެރޭގައިވާ ތަކެއްޗަށް ގެއްލުން ލިބިދާނެ އެތަކެއް ހާލަތަށް ބަދަލު ހޯދައިދެ އެވެ.
އެގޮތުން އަލިފާނުގެ ހާދިސާތަކާއި، ވައްކަން އަދި ގުދުރަތީ ކާރިސާތަކުން ގޭތެރޭގައިވާ ތަކެއްޗަށް ލިބޭ ގެއްލުމާއި އެހެނިހެން ހާލަތްތަކަށްވެސް "އަހަރެންގެ ހިޔާ"ގެ ޕްލޭންތަކުން ރައްކާތެރިކަން ފޯރުކޮށްދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް