ނޭޝަނަލް ސެޓްފިކެޓް 3 އިން ޕްލަމްބިންގ ކޯހުގެ ފުރަތަމަ ބެޗު ފަށައިފި

ނޭޝަނަލް ސެޓްފިކެޓް 3 އިން ޕްލަންބިންގ ކޯހުގެ ފުރަތަމަ ބެޗު މޯލްޑިވްސް ޕޮލިޓެކްނިކްއިން ފަށައިފި އެވެ. މިއީ ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާގެ ދާއިރާ ތަރައްޤީކޮށް ކުރިއަރުވައި، ޚިދުމަތުގެ ފެންވަރު ރަނގަ...

22 Sep 2021 | 11:40

ނޭޝަނަލް ސެޓްފިކެޓް 3 އިން ޕްލަންބިންގ ކޯހުގެ ފުރަތަމަ ބެޗު މޯލްޑިވްސް ޕޮލިޓެކްނިކްއިން ފަށައިފި އެވެ.

މިއީ ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާގެ ދާއިރާ ތަރައްޤީކޮށް ކުރިއަރުވައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މިދާއިރާއަށް ބޭނުންވާ ފަންނީ މީހުން ތަމްރީން ކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ތައްޔާރުކޮށްފައިވާ ކޯހެކެވެ.

މި ކޯހުގެ ފުރަތަމަ ބެޗުގެ އޮރިއެންޓޭޝަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވްސް ޕޮލިޓެކްނިކް ގަ އެވެ.

މި ތަމްރީން ޕްރޮގްރާމުގައި ކިޔަވައިދިނުމަށް ބޭނުންކުރާ ސްޓަޑީ މެޓީރިއަލް ފޯރުކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ނެވެ.

ތަމްރީން ޕްރޮގްރާމު ފެށުމުގެ ގޮތުން ބޭއްވި އޮރިއެންޓޭޝަން ސެޝަންގައި ދަރިވަރުންނާ މުޚާތަބުކުރައްވައި މޯލްޑިވްސް ޕޮލިޓެކްނިކް ގެ ސީ.އީ އަޙްމަދު ނާޞިރު ވިދާޅުވީ ފެނާއި ނަރުދަމާގެ ދާއިރާގެ ފަންނުވެރި މަސައްކަތްތެރިންނަކީ ރާއްޖެއަށް ކޮންމެހެން ބޭނުންވެފައިވާ ބައެއް ކަމަށެވެ.

އެހެން ޤައުމުތަކުގައިވެސް ޕްލަމްބިންގ ދާއިރާއަކީ ވަކި ހަމަތަކެއްގެ މަތިން މީހުން ބިނާކޮށް ލައިސެންސެއް އޮވެގެން މަސައްކަތް ކުރެވޭ ދާއިރާއެއް ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މި ދާއިރާއަކީ ހުޅަނގުގެ ގިނަ ޤައުމުތަކުގައި އާމްދަނީގެ ގޮތުން އެންމެ މަތީ އުޖޫރަ ލިބޭ އެއް ދާއިރާ ކަމަށެވެ.

ކޯހުގައި ކިޔަވަދޭނެ ބައިތަކުގެ ތަފްސީލްތަކުގެ އިތުރުން މޯލްޑިވްސް ޕޮލިޓެކްނިކާ ބެހޭ އެހެނިހެން މުހިއްމު މައުލޫމާތުތައް މި އޮރިއެންޓޭޝަން ސެޝަންގެ ތެރެއިން ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދެވުނެވެ. 6 މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ މިދާއިރާގެ ފަންނީ ޤާބިލު ފަރާތްތަކުން ނެވެ.

ޕްލަމްބިންގ ނުވަތަ ފެންވަޔަރު ކުރުމާއި ފެނާއި ނަރުދަމާ އާ ގުޅޭ ފަންނީ މަސައްކަތްތައް ދަސްކޮށްދިނުމަށް ހިންގާ މި ތަމްރީން ޕްރޮގްރާމަކީ، ދިވެހިރާއްޖޭގެ މުހިންމު ސިނާޢަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ފަންނީ ޤާބިލް މީހުން ބިނާކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހިންގާ ސްކިލްސް ފޮރ އަ ރިޒިލިއަންޓް ވަރކްފޯސް ގެ ބައެއްގެ ގޮތުގައި ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ހިންގުމަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދެއްވާފައިވަނީ ވަރލްޑް ބޭންކުން ހިންގަމުންގެންދާ މީރީ ޕްރޮޖެކްޓުގެ ތެރެއިން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް