އެންމެ ގިނަ ބަޔަކު ފާޑުކިޔާ ބޮލީވުޑްގެ ދެ ލޯބިވެރިންނަކީ މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރެވެ.
ފާޑުކިޔުން އަމާޒުވަނީ ދެމީހުންގެ އުމުރުގެ ތަފާތު ބޮޑުކަމުންނެވެ. އަރްޖުންއަށް 36 އަހަރެވެ. މަލައިކާގެ އުމުރުން މިހާރު 47 އަހަރުވެފައިވާއިރު ކުރީގެ ކައިވެންޏަށް ލިބިފައިވާ 18 އަހަރުގެ ފިރިހެން ދަރިއަކު އެބަހުއްޓެވެ.
ކިތަންމެ ގިނަ ބަޔަކު އިންޓަނެޓުގައި ފާޑުކިޔައި، ނޫސްވެރިން މަލާމާތުގެ ގޮތުން އުމުރުގެ ތަފާތު ކަމުން ފާޑުކިޔަސް ފަރުވާލެއް ނެތް ކަމަށް އެތައް ފަހަރަކު އަރްޖުން ބުނެފައިވެ އެވެ. އަދި ދެމީހުންގެ ދެމެދުގައި ވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށް ބުނެފައިވެ އެވެ.
ދެމީހުން އެކުގައި ބޭރަށް ދިއުމާއި އެކުވެރިންނާއި އެކު ވަގުތު ހޭދަ ކުރާ ގޮތުގެ ފޮޓޯ އާއި ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާ ކުރާ މި ދެތަރިންގެ ދެމެދުގައި ހިނގާ ހާއްސަ ކަންކަންވެސް ބަރާބަރަށް ސަޕޯޓަރުންނާއި ހިއްސާ ކުރާނެ އެވެ. މިފަހަރު މަލައިކާ ބުނެދިނީ އެންމެ ފަހުން އޭނާ އަރުޖުންއަށް ކުރި މެސެޖެވެ.
އެ ސުވާލު އޭނާ އާއި ކުރީ މަލައިކާ ފަނޑިޔާރުކަން ކުރާ ސުޕާ މޮޑެލް ޝޯގެ އެހެން ފަނޑިޔާރެއް ކަމަށްވާ މިލިންދް ސޮމަން އެވެ. ޝޯގެ ތެރެއިން އޭނާ ސުވާލުކޮށްފައިވަނީ އެންމެ ފަހުން ލޯބިވެރިޔާ އަރުޖުންއަށް ކުރި މެސެޖަކީ ކޮބައިތޯ އެވެ.
ޖަވާބުގައި މަލައިކާ ބުނީ "އައި ލަވް ޔޫ ޓޫ" ކަމަށެވެ. މީގެ ކުރިންވެސް އެ ޝޯގެ ތެރެއިން އޭނާ ވަނީ އަރުޖުން ދެކެ ވާ ލޯބި ހާމަކޮށްދިނުމުގެ ގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން ދެމީހުންގެ ގުޅުން އުމުރަށް ދެމިގެންދާނެ ކަމަށް އޭނާ ގަބޫލު ކުރާ ކަމަށް ބުނެފަވެ އެވެ.
މަލައިކާ މިހެން ބުނެފައިވާއިރު އަރުޖުން ދާދިފަހުން ބުނެފައިވަނީ އޭނާ މަލައިކާ އާއި ދުރުވުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އެކަމަކު ކައިވެނި ކުރުމުގެ ވިސްނުންވެސް ނުގެންގުޅޭ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް