އދ.ގެ އާންމު މަޖިލީހުގައި އަފްގާންގެ ފަރާތުން ތަގުރީރު ކުރަން ސުހައިލްގެ ނަން ތޯލިބާނުން ހުށަހަޅައިފި

މިހާރު ކުރިޔަށްދާ އދ. ގެ76 ވަނަ ޖެނެރަލް އެސެމްބްލީގައި އަފްގާނިސްތާނު ތަމްސީލް ކުރާނެ ބޭޅެއްގެ ގޮތުގައި ސުހައިލް ޝަހީން ހަމަޖެއްސުމަށް އަފްގާނިސްތާނުން އދ. ގައި އެދިއްޖެ އެވެ. ސުހައިލް އަކީ ގަތަރުގެ ...

22 Sep 2021 | 06:53

މިހާރު ކުރިޔަށްދާ އދ. ގެ76 ވަނަ ޖެނެރަލް އެސެމްބްލީގައި އަފްގާނިސްތާނު ތަމްސީލް ކުރާނެ ބޭޅެއްގެ ގޮތުގައި ސުހައިލް ޝަހީން ހަމަޖެއްސުމަށް އަފްގާނިސްތާނުން އދ. ގައި އެދިއްޖެ އެވެ.

ސުހައިލް އަކީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަވާ ތޯލިބާނުންގެ ތަރުޖަމާނެވެވެ. އދ. ގައި ލީޑަރުންގެ ބައްދަލުވުމުގައި ތޯލިބާނުންގެ ސަރުކާރު ތަމްސީލް ކުރާ ބޭފުޅެއްގެ ގޮތުގައި ސުހައިލް ކަނޑައަޅައި ދިނުމަށް އެދިފައިވަނީ ތޯލިބާނުންގެ ވަގުތީ ސަރުކާރުގެ ފޮރިން މިނިސްޓަރު އާމިރު ހާން މުއްތަގީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓެރަސް އަށް ފޮނުވި ސިޓީ އެއްގައި އެވެ.

އަދި މީގެ ކުރިން އަޝްރަފް ހަނީގެ ވެރިކަމުގައި އަފްގާން ސަރުކާރުން އދ.އަށް ކަނޑައަޅާފައި ހުންނެވި އެމްބެސެޑާ ގުލަމް އިސްހާގްޒާއި މަގާމުން ދުރުކޮށްފައިވާކަން ތޯލިބާނުން އަންގާފައިވާ ކަމަށްވެ އެވެ. އެހެން ކަމުން އޭނާއަށް އަފްގާނިސްތާނު ތަމްސީލް ނުކުރެވޭނެ ކަމަށް ތޯލިބާނުންގެ ސަރުކާރުން ވަނީ އދ. އަށް އަންގާފަ އެވެ.

އދ. ގެ ސެކްރެޓެރީ ޖެނެރަލްގެ ތަރުޖަމާނު ވިދާޅުވީ އަފްގާން ފޮރިން މިނިސްޓަރުގެ އެ ސިޓީ ލިބިފައިވާ ކަމަށާއި ސުހައިލްގެ ނަން ފާސް ކުރުމާއި މެދު ގޮތެއް ނިންމުމަށް ކްރެޑެންޝިއަލް ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ. އެ ކޮމިޓީގައި ހިމެނެނީ ޗައިނާ، ރަޝިއާ، އެމެރިކާ، ނަމީބިއާ، ޗިލީ އަދި ބޫޓާން އާއި ބަހާމާސް އާއި ސްވިޑެން ފަދަ ގައުމުތަކެވެ.

ސުހައިލްއަށް އދ. ގައި ތަގުރީރު ކުރެއްވޭނީ އެ ކޮމިޓީން އޭނާގެ ނަން ފާސްކޮށްފި ނަމަ އެވެ. މިހާރު ކުރިޔަށްދާ އާންމު މަޖިލީހުގައި އަފްގާންގެ ލީޑަރު ތަގުރީރު ކުރަން ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ. ބެލެވޭ ގޮތުގައި އެ ދުވަހުގެ ކުރިން އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ނުބެލެވޭ ކަމަށް ތަރުޖަމާޏު ވިދާޅުވެފައިވެ އެވެ.

އެ ކޮމިޓީން ގޮތެއް ނުނިންމައިފި ނަމަ މިފަހަރުގެ ޖަލްސާގައި އަފްގާން ފަރާތުން ތަގުރީރު ކުރައްވާނީ ކުރީގެ އެމްބެސެޑަރު އިސްހާގުޒާއީ ކަމަށް އޭނާ ވިދާޅުވި އެވެ. އިސްހާގުޒާއީ ތަގުރީރު ކުރަން ފުރުސަތު ލިބިއްޖެ ނަމަ ތޯލިބާނުންނަށް ބައިނަލްއަގުވާމީ މައިދާނުގައި ގައުމުތަކުގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަން އިތުރު ވަގުތުތަކެއް ހޭދަ ކުރަން ޖެހޭނެ ކަމަށް އދ. އިން ބުނެ އެވެ.

އެކަމަކު ތޯލިބާނުންގެ ސަރުކާޜު ގަބޫލު ކުރުމާއި މެދު ގައުމުތަކުން ގޮތެއް ނިންމުމުގައި އެ ޖަމާއަތުން އަންހެނުންނާއި އިންސާނީ ހައްގުތަކަަށް އިހުތިރާމު ކުރާވަރު ބެލުމަށް އދ.ގެ އިސްވެރިން އިން ލަފާކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް