އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ދިނުމުގަ ކަނޑައެޅި ބައެއް ޚާއްސަ އުސޫލުތަކަށް ބަދަލު ގެނެސްފި އެވެ.
އެ ކުންފުނިން ބުނީ ކޮވިޑް-19 އާއި ގުޅިގެން ޤައުމު ފުރަބަންދުކޮށް، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދުމުގައި ޢާއްމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، ކުންފުނިން ދީފައިވާ އިރުޝާދުތަކަށް ބަދަލުގެންނަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކޮވިޑް 19 އާއި ގުޅިގެން ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ ފަރާތްތަކަށް ދޫކުރާ ކޮންމެ ބޭސް ސިޓީއަކަށް ދެ ފަހަރަށް ބޭސް ނެގޭ ގޮތަށް ކަނޑައެޅި އުސޫލު ބާތިލުކުރުމަށް ނިންމާފައިވާ ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.
އާސަންދަ ކުންފުނިން ބުނީ 1 އޮކްޓޯބަރު 2021 އިން ފެށިގެން މިފަދަ ބޭސްސިޓީތަކަށް ބޭސް ދޫކުރާނީ އެންމެ ފަހަރަކު ކަމަށާއި ދެވަނަ ފަހަރަށް ބޭސް ނެގޭނީ އަނެއްކާ ވެސް ޑޮކްޓަރު އާ ބޭސް ސިޓީއެއް ލިޔެދެއްވެމުން ކަމަށެވެ.
މީގެ އިތުރުން، 1 ނޮވެމްބަރު 2021 އިން ފެށިގެން، ކުރިންވެސް އޮތް އުސޫލާ އެއްގޮތަށް، ކުއްޖާއަށް 28 ދުވަސް ވުމަށް ފަހު އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ލިބޭނީ ކުއްޖާއަށް ވަކި އައިޑީ ކާޑެއް ހައްދައިގެން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ކޮވިޑް-19 އާއި ގުޅިގެން، ކުރިން ހަމަޖައްސާފައިވަނީ 1 ޖެނުއަރީ 2020 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް 28 ދުވަސް ވުމަށް ފަހުވެސް މަންމަގެ އައިޑީކާޑުން ޚިދުމަތް ދެމުން ގެންދިއުމަށެވެ.
މިވަގުތު އައިޑީކާޑު، ޕާސްޕޯޓް އަދި ޑްރައިވިންގ ލައިސަންސުގެ އަސްލު، ކޮޕީ އަދި ފޮޓޯއަށް އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ދިން ނަމަވެސް އާސަންދައިގެ އުސޫލަކީ އައިޑީ ނުވަތަ ޕާސްޕޯޓް ކާޑުގެ އަސްލަށް ޚިދުމަތް ދިނުންކަމުގައި ވާތީ، ހުރިހާ ފަރާތްތަކުންވެސް އައިޑީކާޑު ހެއްދުމަށާއި އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދާއިރު ކާޑުގެ އަސްލު ދެއްކުމަށް އެ ކުންފުނިން ވަނީ ހަނދާންކޮށްދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް