ހާހަކަށް ދުވަހުގެ ތެރޭގައި ގާބިލު ވެރިއަކާ ނާގާބިލު ވެރިއަކާ ހުރި ތަފާތު ފެނިއްޖެ: މުންދު

ހާހަކަށް ދުވަހުގެ ތެރޭގައި ގާބިލު ވެރިއަކާ ނާގާބިލު ވެރިއަކާ ހުރި ތަފާތު ފެނިއްޖެ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ. ރޭ އިދިކޮޅު ޕާޓީތަކުން ބޭއްވި ޖ...

22 Sep 2021 | 04:56

ހާހަކަށް ދުވަހުގެ ތެރޭގައި ގާބިލު ވެރިއަކާ ނާގާބިލު ވެރިއަކާ ހުރި ތަފާތު ފެނިއްޖެ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ރޭ އިދިކޮޅު ޕާޓީތަކުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން މުންދު ވިދާޅުވީ ވޭތުވެދިޔަ އެއްހާހަކަށް ދުވަހުގެ ތެރޭގައި ގާބިލު ވެރިއަކާ ނާގާބިލު ވެރިއަކާ ހުރި ތަފާތު ވަރަށް ސާފުކޮށް ފެނިފައިވާ ކަމަށެވެ. އެގޮތުން އިންޑިޔާއިން އެހީއާއި ލޯނުގެ ގޮތުގައި ނަގަމުން ނަގަމުންގޮސް ގައުމު މިއޮތީ ނަގާ ކޮޅަށް ނުޖެހޭ ހިސާބުގައި ކަމަށް މުންދު ވިދާޅުވިއެވެ.

އަލިފްދާލްގެ އާންމު މަޖިލީހުގެ ތަގުރީރަށް އިޝާރަތްކުރައްވާ މުންދު ވިދާޅުވީ، ގަބޫލުނުކުރެއްވި ނަމަވެސް އަދި ހިތުން ރުހުމުން ތާއީދު ނުކުރެއްވި ނަމަވެސް ރައީސް [އިބްރާހިމް މުހައްމަދު ޞާލިޙް]ގެ ވާހަކަފުޅުގައި ފަލަސްތީނުގެ ވާހަކަ ގެންނެވި ކަމަށާއި ރާއްޖެ އަށް މިއަދު ދިމާވަމުންދާ ހާލަތާއި އެއްގޮތް ކަމެއް ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ގިލަންވެރިކަމާ އެބަހުރި ކަމަށެވެ.

އެގޮތުން ފަލަސްތީނާ އިސްރާއީލުގެ މައްސަލަ ފެށިގެން އަންނަނީ އިނގިރޭސި ވިލާތުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ކަމަށާއި ޚާރިޖީ ގުޅުންތަކުގެ ތެރޭގައި ދެފަށަލައެއް އޮންނަ ކަމަށް މުންދު ވިދާޅުވިއެވެ. އަދި ބޭރަށް ފެންނަ ފަށަލައަކީ އެއްބަސްވުންތަކާއި އެހީތަކާއި ވިސާތަކާއި ސަފާރާތައް ގާއިމުކުރުން ފަދަ ކަންކަން ކަމަށާއި ޚާރިޖީ ގުޅުންތަކުގެ ތެރޭގައި ނުފެންނަ ފަށާލައިގެ ތެރޭގައި ރިޝްވަތާއި ޑަބަލް ޑީލިންގ އާއި ސަބްވަރޝަން ނުވަތަ ތަނެއްގެ ތެރޭގައި މަސްލަހަތު އުފައްދާ ގުޖަޑު އުފެއްދުން ހިމެނޭ ކަމަށް މުންދު ވިދާޅުވިއެވެ.

"ސިޔާދަތީ ބާރު ގެއްލުން އަޅުގަނޑު އެއްގޮތް ކުރަނީ ރަށެއްގެ ގޮނޑު ދޮށަށް ރާޅު ޖަހަމުން ޖަހަމުން ގޮސް އެރަށް ގިރައިގެން ދިއުމާ. މެދުނުކެނޑި ޖަހާ ރާޅަކާ އެކު ފަސްގަނޑު ގިރަމުން ވަރަށް ބޮޑު ބައި ގެއްލިފައި. ސިޔާދަތީ ބާރު ގެއްލިގެންދާކަމަށް ކުޑަކޮށްވެސް ހިލަމެއް ވާނަމަ ހިނގަމާ ބަހީ އަވަހަށް ވެލި ބަސްތާ ޖަހަން، ތޮށިލާން، ކުރެވުނު ކަމެއް ކުރަން" މުންދު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް