ތޯލިބާނުން ބައިވެރި ކުރަން ޕާކިސްތާނުން ޑިމާންޑު ކުރާތި ސާކްގެ ބައްދަލުވުމެއް ކެންސަލްކޮށްފި

ސަރަހައްދީ ގައުމުތައް ގުޅިގެން އުފައްދާފައިވާ ޖަމާއަތް، ސައުތް އޭޝިއަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ބައްދަލުވުމެއްގައި އަފްގާނިސްތާން ތަމްސީލް ކުރާ ސަރުކާރުގެ ގޮތުުގައި ތޯލިބާނުން ބައިވެރި ކުރަން...

22 Sep 2021 | 04:11

ސަރަހައްދީ ގައުމުތައް ގުޅިގެން އުފައްދާފައިވާ ޖަމާއަތް، ސައުތް އޭޝިއަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ބައްދަލުވުމެއްގައި އަފްގާނިސްތާން ތަމްސީލް ކުރާ ސަރުކާރުގެ ގޮތުުގައި ތޯލިބާނުން ބައިވެރި ކުރަން ޕާކިސްތާނުން ޑިމާންޑު ކުރަން ފެށުމުން އެންމެ ފަހުން އެ ބައްދަލުވުން ކެންސަލް ކޮށްފި އެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އދ. ގައި ކުރިޔަށްދާ 76 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިން ބައްވަން ހަމަޖެހުނީ ސާކް ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެކެވެ. އެ ބައްދަލުވުން ބާއްވަން ތާވަލު ކުރީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

އެކަމަކު ޕާކިސްތާނުން ވަނީ އަފްގާނިސްތާނުގެ ތޯލިބާން ސަރުކާރުގެ ފޮރިން މިނިސްޓަރު އާމިރު ހާން މުއްތަގީ އެ ބައްދަލުވުމުގައި ބައިވެރި ކުރަން ބާރު އަޅާފަ އެވެ. އެކަމަކު އެހެން ގައުމުތަކުން އެކަމަށް ދެކޮޅު ހެދުމުން އެ މަޝްވަރާ ކުރިޔަށް ގެންދެވޭނެ އިތުރު ގޮތެއް ނެތިގެން ކެންސަލް ކޮށްލީ ކަމަށްވެ އެވެ.

މިދައުރުގެ ސާކް ގެ ޗެއާ ނޭޕާލްގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގައުމުތަކަށް އެއްބަސްވުމަކަށް ނާދެވުމުން ބައްދަލުވުން ނުބާއްވަން ނިންމީ ކަމަށެވެ.

އަފްގާނިސްތާން ސާކްގެ މެމްބަރަކަށް ވީ ހާމިދު ކަރްޒާއީގެ ވެރިކަމުގައި އެވެ.

އެގަމު ހިފާ މިދިޔަ މަހު ވެރިކަމަށް އެރި ތޯލިބާނުން ވަނީ މިމަހުގެ ތެރޭގައި ވަގުތީ އާ ސަރުކާރެއް އެކުލަވާލާފަ އެވެ. އެކަމަކު އެ ސަރުކާރު ބަލައިގެންނަކަން ސާކްގެ އެއްވެސް ގައުމަކުން އަދި ހާމައެއް ނުކުރެ އެވެ.

ރާއްޖެއިން ރޭ ވަނީ އަފްގާނުގައި އޮންނަން ދިވެހި ސަރުކާރުން ތާއީދު ކުރަނީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ސަރުކާރެއް ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް