މިފަހަރުގެ ހޫނު މޫސުމުގައި ސްޕެއިންގެ ބާސެލޯނާއިން ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ފޯވާޑް ލިއޮނެލް މެސީއަށް އަނިޔާވެއްޖެއެވެ.
މެސީއަށް އަނިޔާވެފައިވަނީ ޕީއެސްޖީ އެންމެ ފަހުން ލީގުގައި ލިޔޯންއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. މި މެޗުގެ ފަހު ހާފުގެ ވަކި ހިސާބަކުން މެސީ ބަދަލުކުރި އިރު، އޭނާ ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މެސީއަށް އަނިޔާވެފައިވާއިރު، ރިޕޯޓުތައް ބުނާގޮތުން މެސީއަށް އަނިޔާވެފައިވަނީ އޭނާގެ ވާތު ކަކުލަށެވެ. މި އަނިޔާއާއި ގުޅިގެން ހެދި ޓެސްޓުތަކުން ދެއްކި ގޮތުގައި މެސީގެ ވާތު ފައިގެ ކަކުލުގެ ކަށިގަނޑަށް ވަނީ ކޮންމެވެސް ވަރެއްހެ އަނިޔާއެއް ލިބިފައެވެ. ނަމަވެސް މި އަނިޔާ އެހާ ސީރިއަސް ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި އަނިޔާއާއި ގުޅިގެން މެސީ އެއް ހަފްތާއަށް ރެސްޓް ކުރަން ޖެހުނުއިރު، އޭނާއަށް ފްރެންޗް ލީގުގައި މިރޭ މެޒްއާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ. އެހެން ނަމަވެސް އަންނަ ހަފްތާގައި ޗެމްޕިއަންސް ލީގު ގުރޫޕު ސްޓޭޖުގައި މެންޗެސްޓާ ސިޓީއާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ޕިއެސްޖީ ކުޅޭ މެޗުގައި ކުޅެވޭނެ ކަމަށް ވަނީ ބުނެފައެވެ.
21 އަހަރު ވަންދެން ސްޕެއިންގެ ބާސެލޯނާއަށް ކުޅެދިނުމަށްފަހު ފްރާންސްގެ ޕީއެސްޖީއަށް މެސީ ބަދަލުވީ ނިމިގެން ދިޔަ ޓްރާންސްފާ ބާޒާރުގައި ހިލޭ ޓްރާންސްފާގެ ދަށުންނެވެ. މެސީ ޕީއެސްޖީއަށް ބަދަލުވެ މިހާތަނަށް ދެ މެޗެއް ކުޅެފައިވާއިރު، އޭނާއަށް އަދި ލަނޑެއް ޖެހިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް