މިޔަންމާގެ ރާހިން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޮހިންގާ މުސްލިމުންނަށް ހަމަލާދީ މަރަން ފެށުމުން އެތައް ލައްކަ ބަޔަކު މިހާރު ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަ ކޮށްފަ އެވެ. އެމީހުން ހިޖުރަ ކުރީ ހިތްދަތި ތަޖުރިބާތަކެއް ތަހަންމަލް ކުރަން ޖެހުނު ދަތުރަކަށްފަހުގަ އެވެ. މިއީ އޭގެން އެކެއްގެ ވާހަކަ އެވެ. ޖަންގަލީގެ ބިންމަތީގައި ވިހެއުމަށްފަހު ދަރިފުޅުގެ ފޫޅުވެސް ނުކެނޑެނީސް ދުވެ ފިލަން ޖެހުނު ރޮހިންގާގެ ހާމިދާގެ ވާހަކަ އެވެ.
ހާމިދާގެ އުމުރަކީ 30 އަހަރެވެ. ނިސްބަތްވަނީ ރާހިން ސްޓޭޓްގެ ކުއަޗޮން، މައުންގޑޯ އަވަށަށެވެ. ހާމިދާ ބުނެފައިވާގޮތުން އެ މީހުން ދިރިއުޅެމުންދިޔަ އަވަށަށް އަސްކަރިއްޔާއިން ހަމަލާދިނީ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުގައެވެ. އޭރު ހާމިދާ އިނީ ވިހަން ތައްޔާރުވެފަ އެވެ. ހާމިދާ ބުނެފައިވާގޮތުގައި ގޮއްވުންތަކެއް ގޮއްވާ އަޑު އިވުނީ އޭނާ ގޭތެރޭގައި އޮށޯވެލައިގެން އޮއްވަ އެވެ.
"އެމީހުން ރޮކެޓް ލޯންޗާއި އެކި ހަތިޔާރުތަކުން ހަމަލާ ދެމުންދިޔަ، އަހަރެމެން ދުވެ ފިލީ ޖަންގަލީގެ ތެރެއަށް، އެމީހުން ދިޔައީ މުޅި އަވަށުގައި އަލިފާން ރޯކޮށް އަންދާލާފައި" ހާމިދާ އޭނާގެ ވާހަކަ ކިޔައިދިނެވެ.
ވިހާންވެ، ހާމިދާގެ ބަނޑުގައި ރިއްސަން ފެށީ، ހާމިދާ އަދި އޭނާގެ ފިރިމީއާއާއެކު އެ ދެމަފިރީންގެ ހަ ދަރީންނާއެކު ޖަންގަލީގައި ފިލާ ތިބޭތާ 48 ގަޑިއިރު ފަހުންނެވެ. ހާމިދާ ކިޔައިދިން ގޮތުގައި ވިހަން ޖެހުނު އިރު އަތުގައި އެންމެ ކުޑަމިނުން ފޮތިކޮޅެއްގެ ހިސާބުވެސް ނެތެވެ. ވިހަން ޖެހުނީ ޖަންގަލީގައި ބިންމަތީގަ އެވެ.
ހާމިދާ ކިޔާދީފައިވާގޮތުގައި ވިހެއުމުގެ ކަންކަމުގައި މާކަ ގިނަ އިރެއް ހޭދައެއް ނުވެ އެވެ. ތިން ގަޑިއިރެއްހާއިރު ތެރޭގައި އޭނާއަށް ފިރިހެން ދަރިއަކު ލިބުނެވެ. ނަމަވެސް ހަމަ އެވަގުތު ޖަންގަލީގެ ތެރެއިން ބަޔަކު އަންނަ އަޑު އިވުމުން، އެއީ އަސްކަރިއްޔާގެ ސިފައިންކަން ކަށަވަރުވާތީ އަނެއްކާވެސް ދުވެ ފިލަން މަޖުބޫރުވީ ކަމަށް ހާމިދާ ކިޔައިދިނެވެ.
ހާމިދާ ބުނެފައިވަނީ އެފަހަރު ދުވެ ފިލަން ޖެހުނީ ވިހެއި ދަރިފުޅުގެ ފޫޅުވެސް ނުކަނޑާ ކަމަށެވެ.
"އަހަރެން ދުވަން ޖެހުނީ ފޫޅުވެސް ނުކަނޑާ އޮތް ދަރިއާއެކު، އެމީހުން އަހަރެމެން ފަހާ ދުވި، އެމީހުންގެ އަތުގައި ބަޑިއާއި ވަޅި ހުރިކަން އަހަންނަށް އެނގޭ، އަހަރެން އޭރު ދިޔައީ އިންތިހާއަށް ތަދާއި ވޭން ތަހަންމަލު ކުރަމުން، އެމީހުންގެ އަތުގައި އަހަރެމެން ޖެހުނު ނަމަ އަހަރެމެން މަރާލީސްކަން ޔަގީން" ހާމިދާ އޭނާގެ ވާހަކަ ކިޔައިދިނެވެ.
ހާމިދާ ބުނީ ދަރި އަތަށް ލައިގެން އޭނާ ދުވަން ޖެހުނީ ކިހާއިރަކުކަންވެސް ނޭނގޭ ކަމަށާއި ދެން އަރާމުކޮށްލުމަށް މަޑުކޮށްލީ ލޯމައްޗަށް އަނދިރިވުމުން ކަމަށެވެ. އެއަށްފަހު އޭނާގެ ފިރިމީހާ އޮނު ގަހެއް ކަނޑައިގެން އެ އޮނު ބޭނުންކޮށްގެން އޭނާގެ ފިރިމީހާ ގެންގުޅުނު ވަޅިއެއް ތޫނު ކުރި ކަމަށާއި ފޫޅުކެނޑީ އެ ވަޅިން ކަމަށެވެ.
ވިހެއުމަށްފަހުވެސް ހާމިދާ އަދި އޭނާގެ އާއިލާ ޖަންގަލީގައި ތިން ދުވަސް ހޭދަ ކުރި އެވެ. ދަރިއަށް ނަންދިނީވެސް ޖަންގަލީގަ އެވެ. އެ ތުއްތު ތުއްތު ދަރިއަށް ހާމިދާ ދިން ނަމަކީ ހޮސެއިން ޝާހެބު އެވެ.
"އަހަރެމެން ނިދީ ބިންމަތީގައި، އުޑު އޮތީ ހާމައަށް ފެންނަން، ކާނެ އެއްޗެއް، ބޯނެ ފެންފޮދެއް ނެތް، ނަމަވެސް ފަހުން އެހެން ހިނގަނިކޮށް ފެންފޮދެއް ލިބުނު، އަހަރެންގެ ދަރިންތިބީ ބަނޑުގައިވެގެން ރޮއެ ރޮއެ" ހާމިދާ އޭނާގެ ވާހަކަ ކިޔައިދިނެވެ.
ހާމިދާގެ އާއިލާއަށް ނަފް ކޯރާއި ހަމައަށް ދެވުނީ އިތުރު ދެ ދުވަސް ފަހުންނެވެ. ދޯނި ދުއްވާ މީހަކު އެމީހުންނަށް ނަފް ކޯރު ހުރަސްކޮށްދިނީ ހަމްދަރުދީ ވެގެން ކަމަށް ހާމިދާ ބުނެފައި ވެ އެވެ. ހާމިދާ ކިޔައިދިން ގޮތުގައި އެ ދޯނި ދުއްވަން އިން މީހާ އެމީހުން ފުރަތަމަ ގެންދިޔައީ ދޯނި ދުއްވާ މީހާގެ ގެއަށެވެ. އެ ގެއަށް ގެންގޮސް ކާންދީ، ލާނެ ހެދުންވެސް ދިނެވެ. ރެފިއުޖީ ކޭމްޕަށް ދިޔައީ ދެ ދުވަހު އެގޭގައި މަޑު ކުރުމަށްފަހުގައި ކަމަށް ހާމިބާ ބުންޏެވެ.
ހާމިދާ އަދި އޭނާގެ އާއިލާ މިވަގުތު ތިބީ ހާމިދާގެ ފިރިމީހާ ތައްޔާރު ކުރި ކުޑަ ކޭމްޕެއްގަ އެވެ. އެއީ އޮނު ބޭނުންކޮށްގެން، ސަތަރިކޮޅެއް ގަނެގެން އޭނާގެ ފިރިމީހާ ތައްޔާރުކޮށްފައިވާ ކޭމްޕެއް ކަމަށް ހާމިދާ ކިޔާދިނެވެ. ހާމިދާމެން ގޮވައިގެން ދަތުރުކުރި ދޯނި ދުއްވި މީހާ ހާމިދާ މެންނަށް ކައްކާނެ އުނދުނަކާއި ބްލޭންކެޓްތަކެއް ވެސް ހަދިޔާ ކުރި އެވެ. ހާމިދާ ބުނީ އެމީހާއަށް ހިތުގެ އެންމެ އަޑިން ޝުކުރު ކުރާ ކަމަށެވެ.
ހާމިދާ ވިހެއި ދަރިއަށް މިހާރު 15 ދުވަސް ވެފައިވާއިރު ހާމިދާ ބުނީ ބަންގްލަދޭޝްގައި އެއްވެސް އުފަލެއް ނެތް ކަމަށާއި ގައުމު ދޫކޮށް އަންނަން ޖެހުނީ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ.
ރޮމުން އޭނާގެ ވާހަކަ ނިންމާލަމުން ހާމިދާ ބުނީ މިހާރުވެސް ދަރި އެ ރޮނީ ބަނޑުހައިވެގެން ކަމަށާއި ނަމަވެސް ފާއިތުވި ދުވަސްތަކުގައި ހާމިދާވެސް އޮއްޓަރު ހުރި އެއްޗެއް ކައިފާ ނުވާތީ ގާތުން ކިރު ދެވެންވެސް ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް