ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ދޮށީ ފިރިހެން ދަރީގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތު ކުރާއިރު އެ ތުހުމަތު ސާބިތުވެއްޖެ ނަމަ އޭނާގެ ދަރި މަރާލަން ފުލުހުންނަށް އޯޑަރު ކުރާނެ ކަމަށް ޑުޓާޓޭ ވިދާޅުވެއްޖެ އެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށް ޑުޓާޓޭ ވެ ވަޑައިގެތް އެއް ވައުދަކީ އެ ގައުމުން މަސްތުވާތަކެތީގެ ވަބާ ނައްތައިލުމެވެ. އެގޮނުން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އަދި އެ ތަކެތި ބޭނުންކުރާ މީހުން މެރުމުގެ ހުއްދަ ފުލުހުންނަށް ޑުޓާޓޭ އޮތީ ދީފަ އެވެ. ހަމަ އެކަނި ފުލުހުންނަކަށް ނޫނެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން މެރުމުގެ ހުއްދަ އާއްމުންނަށްވެސް އޮތީ ދީފަ އެވެ.
ވެރިކަމަށް ވަޑައިގެންފަހުން މިހާތަނަށް ޑުޓާޓޭގެ ސަރުކާރުންވަނީ، މަސްތުވާތަކެތި ބޭނުންކުރާ 7000 އަށްވުރެ ގިނަ މީހުން މަރާފަ އެވެ. މިކަމާހެދި އެ ގައުމުގައި މަސްތުވާތަކެތި ބޭނުންކުރާ އެތައް ހާސް ބަޔަކު އަމިއްލައަށް އެދިގެން ފުލުހުންގެ ހައްޔަރަށްވެސް ގޮސްފައިވެ އެވެ.
ނަމަވެސް މި ހުރިހާ ކަމެއް މިހެން ހިނގަމުންދަނިކޮށް ޑުޓާޓޭއަށް ކުރިމަތިވެވަޑައިގަތް ގޮންޖެހުމަކީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ ތުހުމަތު އޭނާގެ ދޮށީ ދަރި ޕުލޯންގް އަށް ކޮށްފައި އޮތުމެވެ. މިހާ ހިސާބުން އޭނާގެ ދަރިއާއިމެދު، މަސްތުވާތަކެތި ބޭނުންކުރާ އެހެންމީހުންނަށް އަމަލުކުރާ އުސޫލުން އަމަލުކޮށްފާނެތޯ އެ ގައުމުގެ ރައްޔިތުން އޮތީ ސުވާލު އުފައްދާފަ އެވެ. އެ ސުވާލަށް ޑުޓާޓޭ މިވަނީ ޖަވާބުދާރީވެފަ އެވެ.
މީޑިއާއަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުވެ އެކަން ސާބިތުވެއްޖެނަމަ މަރާލާން ފުލުހުންނަށް އަންގާނެކަން އޭނާގެ ދޮށީ ދަރި ގާތު ބުނެފައިވާނެ ކަމަށެވެ.
ޑުޓާޓޭގެ ދޮށީ ދަރީގެ މައްޗަށް ތުހުމަތު ކުރަނީ ޑްރަގް ޓްރެފިކިން މައްސަލައެކެވެ. އެއީ ޗައިނާ މަގުން ފިލިޕީންސަށް 125 މިލިޔަން ޑޮލަރުގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައެކެވެ.
އެ މައްސަލައިގެ ތަހުގީގުގައި މީހަކު ބުނެފައިވަނީ އެ ކޮންޓެއިނާ އެ ގައުމަށް އެތެރެ ކުރުމުގައި ބޭނުންކުރި ފައިސާ އަކީ ޑުޓާޓޭގެ ދޮށީ ދަރީގެ ފައިސާ ކަމަށެވެ. މީގެ އިތުރުން އެ ޖަރީމާގައި ޑުޓާޓޭގެ އަންހެން ދަރިއަކާއި ކައިވެނިކޮށްގެން އުޅޭ މަނަސާސް ކާޕިއޯގެ އަތެއް ވާކަމަށްވެސް ތަހުގީގުގައި އެމީހާ ބުނެފައި ވެ އެވެ.
މި ތުހުމަތުތައް މި ދެމީހުންގެ މައްޗަށް ކުރި ނަމަވެސް މިކަމަށް އެ ދެމީހުންވެސް އިންކާރު ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް