"ފެއާރީ ކުއީން" ގެ ނަމުން މަޝްހޫރުވެފައިވާ ބޮލީވުޑްގެ ކުރީގެ ތަރި ޝަކީލާ މަރުވެއްޖެ އެވެ.
އޭނާ މަރުވެފައިވަނީ އިއްޔެ ރޭ އެވެ. މަރުވި އިރު އުމުރުން 82 އަހަރެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭނާ މަރުވައިވަނީ ގޭގައި އުޅެނިކޮށް ޖެހުނު ކުއްލި ހާޓް އެޓޭކަކަށް ފަރުވާ ނުދެވި ލަސްވުމުން ނެވެ. ހާޓް އެޓޭކް ޖެހުމުން ގެއާ ކައިރި މަޝްހޫރު ހޮސްޕިޓަލަކަށް ގެންދެވުނު ނަމަވެސް އެތަނުގައި އެޑްމިޓް ނުކުރެވިގެން ވަރަށް ދުރު ހޮސްޕިޓަލަށް ގެންދަން ޖެހުނީ ކަމަށް އޭނާގެ ގާތް އެކުވެރިއަކާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ. މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.
މަރުވި އިރު ޝަކީލާ ދިރިއުޅެމުން ދިޔައީ އެކަންޏެވެ. އެއީ އޭނާއަށް ލިބުނު ހަމައެކަނި އަންހެން ދަރިފުޅު މީނާޒް 1991 ވަނަ އަހަރު އަމިއްލައަށް ދަންޖެހިގެން މަރުވި ފަހުންނެވެ.
އޭގެ ފަހުން އޭނާ މީހަކާ އިންކަމަށްވެ އެވެ. މަރުވި އިރު އޭނާގެ އެންމެ ގާތް މީހުންގެ ގޮތުގައި ފާހަގަ ވެފައިވަނީ ދިލިޕް ކުމާރުގެ އަންހެނުން ސައިރާ ބަނޫ އާއި އާޝާ ޕަރޭހް އެވެ.
ޝަކީލާ ބޮލީވުޑް ކެރިއަރު ފަށާފައިވަނީ 1949 ވަނަ އަހަރު އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ 1963 ވަނަ އަހަރު ރިލީޒްވި ފިލްމަކުންނެވެ.
ޝަކީލާގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި 1954 ވަނަ އަހަރު ރިލީޒްވި ފިލްމު "އާރް ޕާރް" އަދި 1956 ވަނަ އަހަރު ރިލީޒްވި ފިލްމު "ސީއައިޑީ" ފާހަގަ ކުރެވެ އެވެ. އޭނާ ފިލްމު ކުޅުން ހުއްޓާލީ ޖޯނީ ބާބާ ކިޔާ މީހަކާއި ކައިވެނި ކުރުމަށް ފަހު އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލު ކުރަން ވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް