މިސްރުގެ އާއިލާއަކުން ހިންގަމުންދިޔަ ޖަރީމާތައް ފަޅާއަރުވާލި މަރިޔަމަށް ޝުކުރާއި ތައުރީފު އޮހެނީ

މި އަންހެންކުއްޖާގެ ނަމަކީ މަރިޔަމް އަބްދުލްޖަލީލް އަލް އަސާވީ އެވެ. އުމުރަކީ ކޮބައިކަން މީޑިއާތަކުގައި ހާމަކޮށްފައެއް ނުވެ އެވެ. މިސްރުގެ ރައްޔިތުން މިހާރު މަރިޔަމަށް ވަނީ "ހީރޯ" އެއްގެ ލަގަބު ދީފަ އ...

21 Sep 2017 | 23:23

މި އަންހެންކުއްޖާގެ ނަމަކީ މަރިޔަމް އަބްދުލްޖަލީލް އަލް އަސާވީ އެވެ. އުމުރަކީ ކޮބައިކަން މީޑިއާތަކުގައި ހާމަކޮށްފައެއް ނުވެ އެވެ. މިސްރުގެ ރައްޔިތުން މިހާރު މަރިޔަމަށް ވަނީ "ހީރޯ" އެއްގެ ލަގަބު ދީފަ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާގެ އާއިލާގެ މެމްބަރުން ހިންގަމުންދިޔަ ޖަރީމާތައް ހެއްކާއިއެކު އޭނާ ފަޅާ އަރުވާލުމުންނެވެ.

މަރިޔަމް ވަނީ އޭނާގެ ބައްޕަ އަދި މަންމަ އަދި އޭނާގެ ބޭބެ އައިއެސް ޖަމާއަތާއި ގުޅިގެން ހިންގަމުން އަންނަ ޖަރީމާތައް ފަޅާ އަރުވާލާފަ އެވެ. އޭނާގެ ބައްޕައަކީ މިސްރުގެ މުސްލިމު ބްރަދާހުޑަށް ނިސްބަތްވާ މީހެކެވެ.

މަރިޔަމް ފަޅާއަރުވާލި ހެކި ތަކުގެ ތެރޭގައި އޭނާގެ ބައްޕަގެ ރޭވުމުގެ ދަށުން މިސްރުގެ އަސްކަރިއްޔާގެ މީހަކާއި ފުލުހަކު ރަހީނުކުރި ކަމުގެ ހެކި ހިމެނެ އެވެ. އަދި ސިނާއީ ގައި ހިންގަމުން އަންނަ ޓެރަރިސްޓް "ސެލް" ތަކަށް އޭނާގެ މަންމަ ތާއީދު ކުރާ ކަމުގެ ހެކިތައްވެސް މަރިޔަމް ވަނީ އާއްމު ކޮށްފަ އެވެ.

އޭނާ ބުނެފައިވަނީ އެ ސަރަހައްދުގެ ޒުވާނުން އައިއެސް ޖަމާއަތާއި ގުޅެމުން އަންނަ ކަމަށާއި އެ ހުރިހާ ކަމެއްގެ ބޮޑަކަށް ހުންނަނީ އޭނާގެ ބައްޕަ ކަމަށެވެ. މަރިޔަމް ބުނނެފައިވާގޮތުގައި އޯގަސްޓް 2013 ގައި އެ ގައުމުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ ބޮޑަކަށް ހުރީވެސް އޭނާގެ ބައްޕަ ކަމަށެވެ.

މަރިޔަމްގެ ބައްޕަ ހައްޔަރުކޮށްފައިވާއިރު މަރިޔަމް ވަނީ އޭނާގެ ގޭގެ ތެރޭގައި އޭނާގެ ބައްޕަ އައިއެސް ޖަމާއަތުގެ އިސްވެރީންނާއެކު ކުރިއަށްގެންދިޔަ ބައެއް ބައްދަލުވުންތަކުގެ ފޮޓޯއާއި އިތުރު ހެކިތައް ހުށަހަޅާފަ އެވެ.

މަރިޔަމް ބުނެފައިވާގޮތުގައި އޭނާގެ ބައްޕަ އޭނާގެ ގޭގައި އެތައް ބައިވަރު ހަތިޔާރެއް ރައްކާ ކޮށްގެން ގެންގުޅެ އެވެ. އަދި ހިންގާ ޖަރީމާތަކަށް މުސްލިމް ބުރަދާހުޑުން އޭނާގެ ބައްޕައަށް ފައިސާ ދެމުން ދިޔަ ކަމަށްވެސް މަރިޔަމް ބުނެފައި ވެ އެވެ. މީގެ އިތުރުން އެ ޖަރީމާތައް ހިންގުމުގައި އޭނާގެ ބައްޕަ ބޭނުންކުރަމުންދިޔަ "ޕާސްކޯޑެއް"ވެސް މަރިޔަމް ވަނީ ފަޅާ އަރުވަލާފަ އެވެ.

އެތައް ޖަރީމާއެއްގައި އޭނާގެ ބޭބެ ބައިވެރިވެފައިވާކަމަށް މަރިޔަމް ބުނެފައިވާއިރު އޭނާގެ ބޭބެއާއި ބެހޭގޮތުން މަރިޔަމް ބުނެފައިވަނީ އޭނާގެ ބޭބެ ކުޅެމުންދިޔައީ އެ ޖަރީމާތަކުގައި ޑްރަގް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކަމަށެވެ.

މަރިޔަމް އިތުރަށް ބުނެފައިވަނީ އޭނާގެ ބައްޕަ ޖަލުގައި ހުރިއިރު މިހާރު ކަންކަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އޭނާގެ މަންމަ ކަމަށެވެ.

މަރިޔަމް މިކަންކަން ހާމަކޮށްފައިވާއިރު އޭނާގެ މަންމަ އަދި ބޭބެ ވަނީ ފިލައިފަ އެވެ. އަދި މިހާރު މަރިޔަމް އަށް މަރުގެ އިންޒާރު ލިބެމުން އަންނަ ކަމަށްވެސް މަރިޔަމް ބުނެފައި ވެ އެވެ. މިއާއެކު މިސްރުގެ ރައްޔިތުން އަންނަނީ މަރިޔަމް އަށް ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް