މިޔަންމާގެ ސަރުކާރުން އެ ގައުމުގައި މުސްލިމުން މަރަމުން އަންނައިރު އެގައުމަށް ތާއީދު ކުރުމުގެ ގޮތުން އެގައުމަށް ހަތިޔާރު ދިނުމަށް އިންޑިއާއިން ނިންމައިފި އެވެ.
އިންޑިއާއިން މިކަމަށް އެއްބަސްވެފައިވަނީ މިޔަންމާގެ ނޭވީ ޗީފް މިހާރު އިންޑިއާއަށް ކުރަމުންގެންދާ ދަތުރުގަ އެވެ. މި ނިންމުން ނިންމާފައިވަނީ އަސްކަރީ ގޮތުން ދެގައުމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުންނެވެ.
އިންޑިއާގެ މި ނިންމުން މިގޮތަށް ނިންމާފައިވާއިރު ހުޅަނގުގެ ގައުމުތަކުން އަންނަނީ މިޔަންމާއަށް ޕްރެޝަރު ކުރަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި އިންޑިއާއިން މި ނިންމުން ނިންމާފައިވަނީ ސަރަހައްދުގައި ޗައިނާއަށްވުރެ ބާރުގަދަވުމަށް އިންޑިއާއިން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވެ އެވެ.
މިޔަންމާ ސަރުކާރުން ދެމުން އަންނަ ލާއިންސާނީ އަނިޔާތަކަށް ކެތް ނުކުރެވިގެން އެތައް ލައްކަ މުސްލިމުންނެއް ބަންގްލަދޭޝް އަށް ހިޖުރަ ކޮށްފައިވާއިރު އދ އިން ބުނެފައިވަނީ މިޔަންމާގެ އެ އަމަލަކީ ނަސްލު ނައްތާލުމުގެ އަމަލެއް ކަމަށެވެ. ނަމަވެސް މިޔަންމާއިން އެކަން ދޮގު ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް