ރޮހިންޖާ މުސްލިމުން އަނބުރާ މިޔަންމާއަށް ގެންދިއުމަށް އެގައުމުގެ ސަރުކާރަށް ބައިނަލްއަގްވާމީ ގޮތުން ޕްރެޝަރު ކޮށްދިނުމަށް އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯރ މައިގްރޭޝަން (އައިއޯއެމް)ގެ ޑިރެކްޓަރ ޖެނެރަލްގެ ކުރެން، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އެދިލައްވައިފި އެވެ.
އައިއޯއެމްގެ ޑިރެކްޓަރ ޖެނެރަލް ވިލިއަން ލޭސީ ސްވިންގް ގެ ކިބައިން ޝެއިޚް ހަސީނާ މިކަމަށް އެދިލެއްވީ އދ ގެ ޖެނެރަލް އެސަމްބްލީގެ ހަވާސާގައި އެވެ.
"ރޮހިންޖާ މުސްލިމުން އެނބުރާ މިޔަންމާއަށް ގެންދިއުމުގެ މަސައްކަތް މިޔަންމާއިން ކުރަންޖެހޭ، ބައިނަލްއަގްވާމީގޮތުން ޕްރެޝަރު ކޮށްދިނުމަށް ޝެއިޚް ހަސީނާ އެދިލެއްވި" މީޑީއާއަށް މައުލޫމާތު ދެއްވަމުން ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ޝަހިދުލް ހައްގު ވިދާޅުވި އެވެ.
ޝެއިޚް ހަސީނާ އައިއޯއެމްގެ ޑިރެކްޓަރ ޖެނެރަލް ކުރެން މިކަމަށް އެދިލައްވާފައިވާއިރު އެކަމަނާ ވަނީ ނެދަލޭންޑްގެ ރާނީ މާޒިމާއާވެސް އދ ގެ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ރޮހިންޖާގެ މައްސަލައާއިމެދު މަޝްވަރާ ކުރައްވާފައިވާކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ތުރުކީގެ ރައީސް ތައްޔިބު އުރުދުޢާން އާއި އެކުވެސް ޝެއިޚް ހަސީނާ ބައްދަލުވުމެއް ކުރިއަށް ގެންދެވި ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ބުނެ އެވެ. ނަމަވެސް އެ ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ފޮރިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް