އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަނެއްކާވެސް ގޭބަންދަށް ބަދަލުކޮށްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު އަހުމަދު ލުގުމާން މީޑިއާގައި ވިދާޅުވީ އިމްރާން ގޭބަންދަށް ބަދަލުކުރީ ވަގުތީ ގޮތުން ކަމަށެވެ. ގޭބަންދަށް ބަދަލުކުރި މުއްދަތެއް އަދި އެކަމުގެ އިތުރު ތަފްސީލެއް ވެސް ނުދެއްވި އެވެ.
ބެލެވޭ ގޮތުގައި ޝެއިހް އިމްރާން ގޭބަންދަށް ބަދަލުކޮށްފައި މިވަނީ މިއަދު އޭނާއަށް ފިރިހެން ކުއްޖަކު ލިބިވަޑައިގެންނެވުުންނެވެ. އެކަން ހާމަކޮށްފައިވަނީ މިރޭ އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި އެވެ.
އެ ޓުވީޓުގައި ބުނެފައިވަނީ ޝެއިހް އިމްރާންގެ ދެކަނބަލުންނަށް ކުއްޖަކު ލިބިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ދެމައިންގެ ހާލު ރަނގަޅު ކަމަށް ބުނެފައިވެ އެވެ.
ޝެއިހް އިމްރާން އެންމެ ފަހުން ރޯދަ މަހަށް ގޭ ބަންދަށް ބަދަލު ކުރުމަށް ފަހު އަބުރާ އޭނާ ޖަލަށް ގެންދިޔައީ އީދު ނިމުނު ފަހުންނެވެ. އަނބުރާ ޖަލަށް ގެންދިޔަ ދުވަހު ނޫސްވެރިންނާއި ވާހަކަދެއްކެވުމުން ޖަލުން ދެމުންދިޔަ ބައެއް އިނާޔަތްތައް ދުވަސް ކޮޅަކަށް މެދުކަނޑާލި އެވެ.
ރޯދައަށް ގޭބަންދަށް ބަދަލުކުރުމުގެ ކުރިން އިމްރާން ހުންނެވީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގަ އެވެ. ފަހުން އޭނާ ބެހެއްޓީ މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި ހުކުމް އިއްވާފައި ތިބި ކުށްވެރިންނަށް ހާއްސަކޮށްފައިވާ ޔުނިޓްގައި ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް