ރިސޯޓެއްގެ ކޮޓަރިއަކުން ހަތަރު ފުޅި ބަނގުރަލާއި އައިފޯން ފަހެއް އެސް އަކާއި އަންޑަރ ވޯޓަރ ކެމެރާއެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، މާލެ އަތޮޅު ރިސޯޓަކުން ރޭ ހުށަހެޅި ވައްކަމުގެ މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަޙުޤީޤަށް، ރޭ އެ ރިސޯޓަށް އޭނާ އެރިކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކަމަށެވެ. އޭނާއާ އިތުރަށް ސުވާލުކޮށް ލިބުނު މަޢުލޫމާތުގެ އަލީގައި ރިސޯޓްގެ އެހީތެރިކަމާއެކު ކުރި މަސައްކަތުން ވަގަށް ނަގާފައިވާ ބައެއް ތަކެއްޗާއި ބަނގުރާ ފުޅިތައް ރޭ ފަތިހުގެ ވަގުތެއްގައި އެ ރިސޯޓްގެ މޫދުން ފެނިފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް