ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަރަށްދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރެއްވި އަދި އެ އޮފީހުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވި މާފަންނު މުއިވިލު އަލްފާޟިލް ޢަބްދުލްޤައްޔޫމް ޙަސަން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.
ޢަބްދުލްޤައްޔޫމް ޙަސަން އަވަހާރަވީ، މިއަދު ހެނދުނު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 71 އަހަރެވެ.
ރައީސް އޮފީހުން ވިދާޅުވީ އަލްމަރްޙޫމް ޢަބްދުލްޤައްޔޫމް ޙަސަން އަވަހާރަވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާ ކަމަށާއި އަދި ޢަބްދުލްޤައްޔޫމް ޙަސަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދްމަތްތަކުގެ އަގު އެމަނިކުފާނު ވަޒަންކުރައްވާ ކަމަށެވެ.
"ޢަބްދުލްޤައްޔޫމް ޙަސަނަކީ 49 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅެއް، އެންމެދިގު މުއްދަތެއްގައި ޚިދްމަތް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ރައީސް އަލްމަރްޙޫމް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި އެމަނިކުފާނުގެ އަރިހުގައި ޢަބްދުލްޤައްޔޫމް ވަނީ މަސައްކަތްޕުޅު ކުރައްވާފައި، އަދި އޭގެފަހުން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ 30 އަހަރުގެ ޒަޢާމަތުގައި، އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވޭ، އެގޮތުން، އެ އޮފީހުގެ އެސިސްޓެންޓް ޓު ދަ އެގްޒެކެޓިވް ސެކްރެޓަރީ ކަމުގެ މަޤާމާއި، ސީނިއަރ ޕްރެޒިޑެންޝަލް އެއިޑް ކަމުގެ މަޤާމާއި، ޑިރެކްޓަރު ކަމުގެ މަޤާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު ފުރުއްވާފައިވޭ، ޢަބްދުލްޤައްޔޫމް ޙަސަން ވަޒީފާއިން ވަކިވެވަޑައިގެންފައިވަނީ، 8 ޖަނަވަރީ 2009 ގައި ޢުމުރުފުޅުން 65 އަހަރުވުމާ ގުޅިގެންނެވެ. ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުޝީރު ކަމުގެ މަޤާމުގައި" ރައީސް އޮފީހުން ވިދާޅުވެ އެވެ.
އަލްމަރްޙޫމް ޢަބްދުލްޤައްޔޫމް ޙަސަނަކީ، ވަރަށް ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޚިދްމަތް ކުރެއްވި އަދި ޙަވާލުކުރެއްވި ކޮންމެ މަސައްކަތެއް ވަރަށް އިޚްލާޞްތެރިކަމާއެކު ކުރެއްވި، ދައުލަތަށާއި ސަރުކާރަށް އިޚްލާޞްތެރި ޚާދިމެކެވެ. އަދި ހުރިހާ މުވައްޒަފުންނާވެސް ވަރަށް ގާތް ގުޅުމެއް ބޭއްވެވި ވަރަށް މަޖާ މިޒާޖެއްގެ ބޭފުޅެކެވެ. ޚިދުމަތުގައި ވަރަށް ބުރަކޮށް އުޅުއްވި އެހެން މުވައްޒަފުންނަށް، ވަރަށް ރިވެތި ނަމޫނާއެއް ދެއްކެވި ބޭފުޅެކެވެ.
އަލްމަރްޙޫމް ޢަބްދުލްޤައްޔޫމް ޙަސަން އަވަހާރަވިއިރު 6 ބޭފުޅުން ދުނިޔޭގައި ތިއްބެވިއެވެ. އެއީ ފިރިހެން 3 ބޭފުޅުންނާއި، 3 އަންހެން ބޭފުޅުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް