މިމަހުގެ 28 ގައި ރާއްޖޭގެ ރަށްރަށް އުދަ އެރުން އެކަށީގެންވާކަމަށް އަންދާޒާކޮށް އިންޑިއާގެ ނޭޝަނަލް ސެންޓާ ފޯ އޯޝަން އިންފޮމޭޝަން ސާވިސް (INCOIS) އިން އެލާޓެއް ނެރެފި އެވެ.
މޫސުމައް ސަމާލުވުމަށް ނެރުނު އެލާޓް ނެރެފައިވަނީ މައިގަނޑު ގޮތެއްގައި އިންޑިއާއަށް ނިސްބަތްކޮށް ނަމަވެސް ރާއްޖެއާއި އިންޑިއާ ކަނޑުގެ ކުދި ޖަޒީރާތަކަށް މި އެލާޓް އަމާޒުކޮށްފައި ވެ އެވެ.
އެލާޓްގައި ބުނެފައިވަނީ އިންޑިއާގެ ކެރަލާ، ކޮޗީ، އަލަޕޫޒާ، ކޮއްލަމް، އަދި ޓްރިވެންޑްރަމަށް އުދައިގެ އަސަރު ކުރާނެ ކަމަށެވެ. އަދި އުދައިގެ އަސަރު ކުރަން ފަށާނީ މިމަހުގެ 25 އިން 30 އަށް ކަމަށެވެ.
މި އެލާޓްގައި ރާއްޖެއަށް އުދަ އަރަން ފަށާނެ ކަމަށް ލަފާކުރާ ތާރީހެއް ކަމަށް ބުނެފައިވަނީ މިމަހުގެ 28 އެވެ.
INCOIS އިން ހާމަކުރާ ގޮތުގައި ބޮޑެތި ރާޅުތައް އުފެދެނީ ހަނދު އޭގެ އެންމެ ފުރިހަމައަށް ފާޅުވާ ދުވަސްތަކުގައެވެ. އެގޮތުން އިރާއި ހަނދާ ދިމާ ސީދާވުމުން ކަނޑުގެ ރާޅުތަކަށް ބަދަލު އާދެ އެވެ.
އެގޮތުން މި އަހަރަށް ބަލާއިރު ޖެނުއަރީ 20 ، ފެބްރުއަރީ 18، މާރޗް 20، އޯގަސްޓް 29، ސެޕްޓެމްބަރު 28 އޮކްޓޯބަރު 27 އަކީ ހަނދު ބޮޑުވުމުން ކަނޑުގެ ރާޅުތައް ބޮޑުވާނެ ކަމަށް ލަފާކޮށްފައިވާ ދުވަސްތައްކަން INCOIS އިން ހާމަކޮށްފައި ވެ އެވެ.
INCOIS އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި 28 އިން ފެށިގެން އުދައެރުން ތިން ދުވަހަށް ދެމިގެންދިއުން އެކަށީގެން ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް