ސީރިޔާގައި ދިމިޝްޤުގައި ހުންނަ ރަޝިޔާގެ އެމްބަސީއަށް ދިން ބޮމުގެ ހަމަލާއެއް އަމާޒުވުމުން ރަޝިޔާއިން އެކަމާ ރުޅިގަދަވެ އެކަށީގެންވާ އަވަސް ފިޔަވަޅެއް އެޅުމަށް ސީރިޔާގެ ކަމާބެހޭ ފަރާތްތަކަށް އަންގައިފި އެވެ.
ރަޝިޔާގެ އެމްބަސީއަށް ހަމަލާއެއް އަމާޒުވެފައި މިވަނީ ރަޝިޔާއިން ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުއަށް މަދަދުވެރިވާކަމުގެ ހަބަރުތައް ފެތުރިފައި ވަނިކޮށެވެ.
އިއްޔެގެ ހަމަލާ ރަޝިޔާގެ އެމްބަސީއަށް އަމާޒުވެފައިވަނީ އާދީއްތަ ދުވަހު ހެނދުނު ސީރިޔާ ގަޑިން 9:00 ހާއިރު އެވެ. އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
ރަޝިޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި ހަމަލާ ދިން ބަޔަކު ހޯދެންވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި އެފަދަ ހަމަލާއެއް އެމްބަސީއަށް އަމާޒުނުވާނެ ކަމުގެ ޔަގީންކަންވެސް ބޭނުންވާނެ ކަމަށެވެ.
ސީރިޔާގެ ދާހިލީ ހަނގުރާމައަށް ހަތަރު އަހަރުވެފައިވާއިރު ދޭތެރެދޭތެރެއިން ހުޅަނގުގެ ގައުމުތަކުން އިސްނަގައިގެން ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދެ އެވެ. ނަމަވެސް އަދި އެއްވެސް ނަތީޖާއެއް އެފަދަ އެއްވެސް މަޝްވަރާތަކަކުން ނެރެވިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް