މޫނު ބުރުގާ އަޅާފައިވާ ފަރާތްތަކަށް ވަޒީފާ ދިނުމުގައި ގެންގުޅޭ ތަފާތުކުރުން އަދާލަތު ޕާޓީންވެސް ކުށްވެރިކޮށްފިއެވެ.
އަދާލަތު ޕާޓީން ބުނީ، ވަޒީފާ އަދާކުރުމުގެ ހައްގަކީ ކޮންމެ ދިވެހި ރައްޔިތަކަށް ހަމަހަމަކަމާއި އެކު އޮންނަންޖެހޭ އަސާސީ ހައްގެއް ކަމަށެވެ. އަދި އިސްލާމީ މިންގަނޑުގެ ތެރޭގައި ފޭރާން އަޅާފައި ހުންނަގޮތަކުން އެ ޙައްގުން މަޙްރޫމްކޮށް ތަފާތުކުރުން ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް ނުކުތުމަށް އެއްވެސް ފަރާތަކަށް ހުރަސް ނޭޅޭނެގޮތަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުމަށް އަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ.
އަދާލަތު ޕާޓީން މިހެން ވިދާޅުވެފައި މިވަނީ، ދ ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލި ފަރާތެއް މޫނު ބުރުގާ އަޅާތީ ރެކްރޫޓްމަންޓް ޕްރޮސެސްގައި ނުހިމަނާ ޑިސްކޮލިފައި ކޮށްލާފައިވާއިރު އިއްޔެ އެކަމުގެ ޚަބަރުތައް ފެތުރުމުން އެކަމާއި ރައްޔިތުން ހިތްހަމަނުޖެހުމާއި ކަންބޮޑުވުމުން ފާޅުކުރައްވަމުން އަންނަ ދަނޑިވަޅެއްގައެވެ.
މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވަނީ މުހިންމު ފިޔަވަޅެއް އެޅުއްވުމަށް މިހާރު ނިންމަވާފައެވެ.
އެގޮތުން އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެ ކަމަށާއި އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް އަމަލުކުރަމުންދާ ހުރިހާ ގަވައިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ނިންމަވާފައެވެ.
އަދި އެކަމާއި ގުޅުން ހުރި ފަރާތްތަކަށް މިހާރު ވާނީ އެކަން އަންގާފައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް