މަގުމަތިން ބުޅާ ހިފައި، އެއިން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައެއް ނެތް: ހެލްތް މިނިސްޓަރ

މަގުމަތިން ބުޅާ ހިފައި، އެ މަރައި، އެއިން ކާބޯތަކެތި ތައްޔާރުކޮށްގެން ވިއްކާކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ހެލްތް މިނިސްޓަރ ޑރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވ...

22 Aug 2024 | 11:30

މަގުމަތިން ބުޅާ ހިފައި، އެ މަރައި، އެއިން ކާބޯތަކެތި ތައްޔާރުކޮށްގެން ވިއްކާކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ހެލްތް މިނިސްޓަރ ޑރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ ބިލުގެ ތަފްސީލް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ދާދި ފަހުން ބުޅާ މަހުގައި ކާއެއްޗެހިން ހަދައި ވިއްކި ކަމުގެ މައްސަލަ ފެންމަތިވެފައިވާތީ ނޫސްވެރިން ސުވާލު އުފެއްދުމުން އެކަމާއި ގުޅިގެން  މިނިސްޓަރު ޚަލީލް ވިދާޅުވީ، އެފަދަ އެއްވެސް މައްސަލައެއްގެ ރިޕޯޓެއް އެއްވެސް ފަރާތަކުން މިނިސްޓްރީއަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާއިރު، ތަހުގީގުކުރާ އިދާރާތަކާ ގުޅިގެން ވަރަށް ކައިރިން އެކަން ބަލަމުންދާ ކަމަށެވެ.

ބުޅާ މަސް ވިއްކި ކަމުގެ ތުހުމަތުގައި  ބަގްލަދޭޝްގެ ރައްޔިތެއް ހައްޔަރުކޮށް، މި ހަފްތާގެ އަންގާރަ ދުވަހު އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އަދި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންގެންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެެވެ. އެހެންނަމަވެސް މިހާތަނަށް އިމިގްރޭޝަނުން އެ މީހާގެ އަޅާނެ ފިޔަވަޅެއް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ ކަންބޮޑުވުން ފާޅުކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެފަދަ ކަމެއް އެނގި ނުވަތަ ޝައްކުކުރެވޭ ހާލަތެއްގައި ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ބަދަލުގައި އެ މިނިސްޓްރީއަށް އެކަން ހުށަހެޅުމަށެވެ. ރިޕޯޓް ކުރުމުގެ ބަދަލުގައި ސޯޝަލް މީޑިއާއަށް އެ ފޮޓޯއެއް ނުވަތަ ޕޯސްޓެއް ލުމުން އޭގެން ނުކުންނަ ނަތީޖާ ގޯސްވެގެންް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެފަދަ ކަމެއް ޝައްކުވެގެން ނުވަތަ އެނގިގެން މިނިސްޓްރީއަށް ރިޕޯޓުކުރުމުން ކަމާ ގުޅުން ހުރި އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ގާނޫނުގެ ދަށުން ބަޔަކު ދިރިއުޅޭ ތަނަކަށް ގޮސް ވަނުމުގެ ބާރެއް މިނިސްޓްރީއަކަށް ނުވަތަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ނެތް ކަމަށެވެ. އޭގެ ސަބަބުން ދިމާވާ ގޮންޖެހުންތަކެއް ވެސް އޮންނަ ކަމަށް ޚަލީލް ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް ރެޖިސްޓާނުކޮށް، ހިންގާ ވިޔަފާރިއަކުން އުފައްދާ ޕްރޮޑަކްޓްސް ފިހާރައެއްގައި ހުއްޓަސް މިނިސްޓްރީއަށް ގޮސް އެތަކެތި ނެގުމުގެ ހުއްދައެއް ނެތް ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް މާދަމާއިން ފެށިގެން އަމަލުކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނުގެ ދަށުން އެކަންކަމަށް ހައްލެއް ލިބޭނެ ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ބުޅާ މަހުން ކާބޯތަކެތި ހަދާ ވިއްކި ކަމަށް ބުނާ ވާހަކައިގެ ސަބަބުން އާއްމުންގެ ތެރޭގައިވަނީ ވަރަށް ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް