ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތް ކޮށްދެއްވުމަށް އިސްކަންދެއްވާ މިންވަރު، ރައީސްގެ ރެޕިޑް ރެސްޕޮންސްއިން ހާމަވެގެން ގޮސްފި ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (އިއްބެ ޖަނާބު) ވިދާޅުވެއްޖެއެވެ.
މެންބަރު ވިދާޅުވީ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކުންވެސް މި އަޑު އުފުލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މެންބަރު އިއްބެ ވަނީ ރައީސްއަށް ޝުކުރުވެސް އަދާކުރައްވާފައެވެ.
ދ.ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުން މޫނު ބުރުގާ އަޅާފައިވާ ކަނބަލަކަށް ވަޒީފާގެ ފުރުސަތު ނުދީ ރެކްރޫޓްމަންޓް ޕްރޮސެސްގައި ނުހިމަނާ ވަނީ ޑިސްކޮލިފައި ކޮށްލާފައެވެ. އެކަމާއި ގުޅިގެން އޭނާ ވަނީ އޭނާ ފަދަ މޫނު ބުރުގާ އަޅާ ކަނބަލުންނަށް ވަޒީފާ އަދާކުރުމުގެ ހައްގުލިބެން ޖެހޭ ކަމަށް ބުނެ އަޑުއުފުލާފައެވެ.
މިކަމާއި ގުޅިގެން ރައީސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. ރައީސް ވިދާޅުވީ އަޅާ ހެދުމެއްގެ ސަބަބުން ތަފާތު ކުރެވިގެން ނުވާނެ ކަމަށެވެ. އަދި އިސްލާމް ދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމުގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ޕަފާތެއް ކޮށްގެން ނުވާނެ ކަމަށާއި އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް އަމަލުކުރަމުންދާ ހުރިހާ ގަވައިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އަދި އެގޮތަށް އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގާފައިވާނެކަން ހާމަކޮށް ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ މި މުޖުތަމައު އަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމައަކަށް ހަދަން އެންމެން އަޒުމު ކަނޑައަޅަން ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް