ރާއްޖޭގައި މީޑިއާގެ މިނިވަންކަން ކަށަވަރު ކުރުމަށް މީޑިއާތަކަށް ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފިއެވެ.
އެގޮތުން އެމްޑީޕީގެ މެނިފެސްޓޯގެ "ހެޔޮވެރިކަން" ބައި މިރޭ ތައާރަފްކޮށްފައިވާއިރު ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުމުގެ ދަށުން، މީޑިއާގެ މިނިވަންކަން ކަށަވަރު ކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ.
އެގޮތުން މީޑިއާތަކުގެ ސެލްފް ގަވަރނަންސް އަދި ރެޖިސްޓްރޭޝަން ޕްރޮސެސްގައި ހުރި މައްސަލަތައް ހައްލުކުރުމަށް މީޑިއާ ތަކާގުޅިގެން މީޑިއާގެ ދަފްތަރުގައި ހުރި މައްސަލަތައް ހައްލުކުރާނެ ކަމަށާއި މީޑިއާތަކުގެ މާލީ ގާބިލުކަމަށް ވަކި ފަރާތަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އިންސައްތައެއްގެ ފައިސާ އެލޮކޭޓްކުރާނެ ކަމަށް ބުނެފައިވެއެވެ.
"މި ފައިސާ ދޫކުރެވެނީ ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތަށް އޮންނަ ރޭޓިންގް ނިޒާމެއް ކަނޑައަޅާނެ" މެނިފެސްޓޯގައި ބުނެފައިވެއެވެ.
މީޑިއާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ މައުލޫމާތަކީ ސައްހަ، ތެދު އަދި ވެރިފައިކުރެވިފައިވާ ހަބަރުތަކާ މައުލޫމާތުތަކެއްކަން ކަށަވަރުކުރުމަށްޓަކައި، ހަރުދަނާ އިންތިޒާމުތައް މީޑިއާ ކައުންސިލުން ގާއިމްކުރާނެ ކަމަށާއި ދިވެހި ސްޓްރީމިން ސާވިސް ތަކާއި، ޕޮޑްކާސްޓިން، އަދި އެހެނިހެން އޮންލައިން މީޑިއާ ޕްލެޓްފޯމް ތަކުގައި ކޮންޓެންޓް ކްރިއޭޓްކުރާ ފަރާތައް ކުރިއެރުމަށް ބެނުންވާ ގާނޫނީ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމުގައިވެސް މެނިފެސްޓޯގައި ބުނެފައިވެއެވެ.
ކޮމިއުނިޓީ-ބޭސްޑް ޖާނަލިޒަމް، ފްރީލާންސް ޖާނަލިޒަމް، ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން ފަދަ ދާއިރާތަކުން ކުރިއެރުމަށް ބެނުންވާ، ތަމްރީނާއި، ތައުލީމީ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށާއި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން، ސްޓްރީމިން ސާވިސްތަކާއި، ޕޮޑްކާސްޓިން، ޕަބްލިޝާޒް، ފިލްމް އަދި ޑޮކިއުމަންޓްރީ ޕްރޮޑިއުސަރުން އަދި ނޮވެލިސްޓުންނަށް ބޭނުންވާ މާލީ އެހީތެރިކަން SDFC މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމުގައިވެސް އިބޫއަސްލަމް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން ދައުލަތުގެ މީޑިއާއިން ފޯރުކޮށްދޭ ހަބަރާ މައުލޫމާތުތަކަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކައް އެކްސެސިބަލް ކޮށް ފޯރުކޮށްދޭ ކޮންޓެންޓަށް ހަދާނެ ކަމަށާއި އައު ޖަރނަލިސްޓުން ތަމްރީނުކޮށް، ކެރިއަރެއްގެ ގޮތުގައި މީޑިއާގައި މަސައްކަތްކުރުމަށް ބޭނުންވާ އެކި ތަމްރީނު ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމުގައިވެސް މެނިފެސްޓޯގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް