ރަޝިއާގެ ލޫނާ-25 ޖައްވީ އުޅަނދު ކޮންޓްރޯލުން ނެއްޓި މިދިޔަ ހޮނިހިރު ދުވަހު ހަނދަށް ވެއްޓިއްޖެ އެވެ.
ފާއިތުވި 47 އަހަރުގެ ތެރޭގައި ރަޝިއާޢިން ފެށި ހަނދުގެ ފުރަތަމަ މިޝަން ފެއިލްވި ނަމަވެސް ރަޝިއާ އިން ބުނީ ހަނދުގެ ވަސީލަތްތައް ހޯދުމާއި ތަރައްގީ ކުރުމުގެ ރޭސް ފަށާފައިވާ ކަމަށާއި ރަޝިއާ އަކީ މިދާއިރާގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމި ހުންނަން ޖެހޭ ކަމަށެވެ.
ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޯސްގެ ވެރިޔާ ހޯމަ ދުވަހު ވިދާޅުވީ ރަޝިއާގެ ލޫނާ-25 ޖައްވީ އުޅަނދު ކޮންޓްރޯލުން ނެއްޓި ހަނދަށް ވެއްޓުނީ ޕްރީ ލޭންޑިން އޯބިޓަށް ތައްޔާރުވުމަށް ދިމާވި މައްސަލައަކާ ގުޅިގެންކަމަށެވެ.
ރަޝިއާ-24 ގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދެއްވި އިންޓަވިއުއެއްގައި ރޮސްކޮސްމޯސްގެ ވެރިޔާ ޔޫރީ ބޮރިސޮވް ވިދާޅުވީ ހަނދު ގެ ދިރާސާތައް ހެދުމުގައި ދެމިތިބުމަކީ ރަޝިއާގެ ގައުމީ މަސްލަހަތު ހިމެނޭ ކަމެއް ކަމަށެވެ.
"މިއީ ހަމައެކަނި ގައުމުގެ ޝަރަފާއި ބައެއް ޖިއޮޕޮލިޓިކަލް ލަނޑުދަނޑިތައް ހާސިލްކުރުމެއް ނޫން. އެއީ ދިފާއީ ގާބިލުކަން ކަށަވަރުކޮށް ޓެކްނޮލޮޖީގެ ސިޔާދަތު ހާސިލްކުރުން،" ފެއިލްވި މިޝަނަށް ފަހު އާންމުކޮށް ދެއްކެވި ފުރަތަމަ ވާހަކަތަކުގައި ވިދާޅުވި އެވެ.
"މިއަދު އެއީ ވެސް އަމަލީ ގޮތުން އަގުހުރި އެއްޗެއް، ހަމަ ޔަގީނުން ވެސް ހަނދުގެ ގުދުރަތީ ވަސީލަތްތައް ތަރައްގީ ކުރުމުގެ ރޭސް މިފެށުނީ، އަދި މުސްތަގުބަލުގައި ހަނދު ވެގެންދާނީ ޑީޕް ސްޕޭސް އެކްސްޕްލޯރޭޝަންގެ ޕްލެޓްފޯމަކަށް، އައިޑިއަލް ޕްލެޓްފޯމަކަށް." އޭނާ ވިދާޅުވިއެވެ.
ރަޝިޔާއިން ބުނީ ހަނދުގެ އިތުރު މިޝަންތައް ފަށައި، އެއަށްފަހު ރަޝިއާ އާއި ޗައިނާ ގުޅިގެން ކްރޫޑް މިޝަނެއް އަދި ހަނދުގެ ބޭސްއެއް ވެސް އުފެއްދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ރަޝިއާގެ މިޝަން ފެއިލްވެފައިވާއިރު، ނާސާއިން ވަނީ "ހަނދުގެ ގޯލްޑް ރަޝް" އެއްގެ ވާހަކަ ދައްކައި، ހަނދާއި ބެހޭ ދިރާސާތައް ހެދުމު ގާބިލުކަން ކަށަވަރު ކޮށްފަ އެވެ. އެގޮތުން ނާސާގެ އާޓެމިސް މޫން ޕްރޮގްރާމްގެ ނަމުން ނަންދީފައިވާ އާޓެމިސް އެކޯޑްސް 2020 ވަނަ އަހަރު އެމެރިކާއިން އިއުލާނުކުރީ ހަނދުގައި "ސޭފްޓީ ޒޯންތައް" ގާއިމުކޮށް މިހާރު އޮތް ބައިނަލްއަގްވާމީ ޖައްވީ ގާނޫނުގެ މައްޗަށް ބިނާކުރުމަށެވެ.
މި އެއްބަސްވުމުގައި ރަޝިޔާ އާއި ޗައިނާ ބައިވެރިވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް