ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހާއި ދޮންފަނުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުުގެ ނިމުން ފާހަގަ ކޮށްދެއްވައިފިއެވެ.
މިހާރު، ބ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު މެންދުރުކުރީގައި ރައީސް ވަނީ، ބ. މާޅޮހަށާއި ދޮންފަނަށް ވަޑައިގެން މާޅޮހުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއާއި، ދޮންފަނުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކޮށްދެއްވައި، އެރަށުގެ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އައު އޮފީސް ޢިމާރާތްހުޅުއްވައިދެއްވާފައެވެ.
މާޅޮހުގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްކޮށްފައި ވަނީ، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ(އެމް.ޑަބުލިޔު.އެސް.ސީ)އާ ޙަވާލުކޮށްގެންނެވެ.
މީގެ އިތުރަށް، ބ. ދޮންފަނުގެ ބަނދަރު ހެދުމުގެ މަސައްކަތާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ، އެމް.ޓީ ހޯގާޑް ޕްރައިވެޓްލިމިޓެޑާއި ހަވާލު ކޮށްގެންނެވެ.
ދޮންފަނު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 536 މީޓަރުގެ ރިވެޓްމެންޓްވަނީޖަހާފައެވެ.
އަދި ރައީސް ހުޅުއްވައި ދެއްވި، ދޮންފަނު ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރުފުންކޮށް އެއްގަމުތޮއްޓާއި ބޭރުތޮށި ޖަހައި، ރޭމްޕް ހަދައި، ނެރުބައްތި އާބަނދަރު ބައްތި ޖަހައި ޕޭވްމެންޓް ވަނީ ހަދާފައެވެ.
ރައީސް އޮފީހުން ބުނާ ގޮތުގައި ރައީސް މިއަދު ހުޅުއްވައި ދެއްވި، ދޮންފަނު ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ.
އަދި އައު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ، 650 ކިލޯވޮޓްއެވެ. ދޮންފަނު އައު އިންޖީނުގެއާ އޮފީސް ޢިމާރާތް ބިނާކޮށްފައި ވަނީ، ރަށުގެ މީހުން ދިރިއުޅޭސަރަޙައްދާއި ދުރުގައި ކަމަށް އެ އޮފީހުން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް