ބ. ތުޅާދޫގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އިފްތިތާޙް ކޮށްދެއްވައިފިއެވެ.
ރައީސް މި މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވީ އެމަނިކުފާނު މިހާރު ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެރަށަށް ވަޑައިގެންނެވި ވަގުތުފުޅުގައި ކަމަށްރައިސުލްޖުމްހޫރިއްޔާ އޮފީހުން ބުނެފައިވެއެވެ.
އެމަނިކުފާނު ވަނީ ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢާއި، އެރަށުގެ 100 ހައުސިންގ ޔުނިޓްގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައި، ފެނަކަ އައު އޮފީސްހުޅުއްވައިދެއްވާފައެވެ.
ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ޙަވާލުކޮށްގެންކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
އަދި މި މަޝްރޫޢުގެ ދަށުން 140 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް އަދި 30 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖަހާފައި ކަމަށް އެ އޮފީހުން ބުނެއެވެ.
ތުޅާދޫގައި ތަރައްޤީކުރި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ކޮށްފައިވަނީ ޖޮއިންޓް ވެންޗަރ އުސޫލުން ޕްރިސިޝަން އިންޖިނިއަރިން ސަރވިސަސް ޕްރައިވެޓްލިމިޓެޑް އަދި ފްލެކްސްއިން ޕްރައިވެޓް ލިމިޓެޑުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި މި ހައުސިންގ ޔުނިޓްތަކަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.
ރައީސް މިއަދު ހުޅުއްވައިދެއްވި ތުޅާދޫ ފެނަކަ އައު އޮފީސް ޢިމާރާތަކީ ރިސެޕްޝަން، ލޮބީ، މެނޭޖަރ ރޫމް، މީޓިންގ ރޫމް، ގެސްޓްރޫމް އަދި ޕޭންޓްރީ ހިމެނޭ ޖާގައިގެގޮތުން ތަނަވަސް އޮފީސް އިމާރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް