ރައްޔިތުންގެ މަޖިލިސް މިހާރު ކުރިއަށްދަނީ ބަތްކައްކާ ކުޅޭތަނެއްގެ ގޮތުގައި ކަމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރިފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެންގެވި ނިޒާމީ މައްސަލައެއްގެ ތެރެއިންނެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި އިދާރާގެ ދަށުން ހިންގާ އެހެނިހެން ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ސަލާމަތީ ހިދުމަތްތަކާއި މަތިކޮށްފައިވާކަމަށާއި އެހެންކަމުން މަޖިލީހުގެ ނިޒާމު ނަގާލާނަމަ އެ ހިދުމަތްތަކުގެ ބޭނުން ހިފަންޖެހޭ ކަމަށެވެ.
އޭނާ މިހެން ވިދާޅުވީ މިއަދުގެ ޖަލްސާގައި ނަން އިއްވާފައިވާ ކެލާ ދާއިރާއިގެ މެންބަރު އިބްރާހިމް ޝަރީފް މަޖިލީހުގެ ތަޅުން ދޫކުރައްވައި ނިކުމެވަޑައިގަންނަވަން ދެކޮޅު ހައްދަވާތީ އެކަމާ ގުޅުވައެވެ.
މަޖިލީހުގެ ރިޔާސަތު މިއަދު ބަލަހައްޓަވަމުންގެންދަވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް، ކެލާ ދާއިރާގެ މެންބަރުގެ ނަން އިއްވީ ތަޅުމުގައި އަޑުގަދަ ކުރާތީއެވެ.
މިއަދު މަޖިލީހުގައި ކުރިއަށްދަނީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލައެވެ. މި މައްސަލަ އަލުން ބަހުސް ފަށާފައިމިވަނީ މި އަހަރުގެ ދެވަނަ ދައުރު ނިމުނުފަހުން ދައުރުން ބޭރުން ކުރިއަށްގެންދިޔަ ޖަލްސާގައި ދާއިމީ ކޮމިޓީތައް އެކުލަވާލާނެ ގޮތް މަޖިލީހުން ނިންމާފައިވަނިކޮށް ދަ ޑިމޮކްރެޓްސް މަޖިލީހުގައި ރަޖިސްޓްރީކުރެވި ތިން މެންބަރަކު އެ ޕާޓީގައި ރަޖިސްޓްރީ ކުރެވި އަލުން ދާއިމީ ކޮމިޓީތައް އެކުލަވާލަން ޖެހުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް