ކާމިޔާބު ތަކުރާރުކުރަން ޓީޓީ ކުޅުންތެރިން ވަރުގަދަ ޖޯޝެއްގައި

މި މަހު 25 ގައި މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ގައުމީ ޓޭބަލް ޓެނިސް ޓީމުން އެންމެ ފަހުން 2019 ވަނަ އަހަރު މޮރިޝަސްގައި ކުރިއަށްދިޔަ އައިއޯއައިޖީ...

22 Aug 2023 | 04:49

މި މަހު 25 ގައި މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ގައުމީ ޓޭބަލް ޓެނިސް ޓީމުން އެންމެ ފަހުން 2019 ވަނަ އަހަރު މޮރިޝަސްގައި ކުރިއަށްދިޔަ އައިއޯއައިޖީގައި ހޯދި ކާމިޔާބު ތަކުރާރުކުރަން ޓީޓީ ޓީމުގެ ކުޅުންތެރިން އަމާޒުހިފައިފި އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ޓީޓީ އަންހެން ޓީމުން ވަނީ ގިނަ މެޑަލްތަކެއް ހޯދައިފަ އެވެ. އެގޮތުން އަންހެން ސިންގަލްސް ރަން މެޑަލް އަދި ރިހި މެޑަލްގެ އިތުރުން ޑަބަލްސް އިވެންޓްގެ ރަން މެޑަލް އާއި ޓީމް އިވެންޓްގެ ރަން މެޑަލް ވަނީ ހޯދާފަ އެވެ.

ގައުމީ ޓީޓީ ޓީމުގެ ކުޅުންތެރިން ވަނީ އެކި ސްކޮލާޝިޕްތަކުގެ ދަށުން ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުން ތަމްރީނުތައް ފުރިހަމަކޮށްފަ އެވެ. އެއާއެކު ކުޅުންތެރިންގެ ފެންވަރު އިތުރަށް ރަނގަޅުވެއްޖެ ކަމަށް ކުޅުންތެރިން ވަނީ ބުނެފައެވެ.

"މިދިޔަ ފަހަރުވެސް ދިޔައީ ގޯލްޑަށް އެސްޕެކްޓްކޮށްގެން، ދެން ވަރަށް މޯޓިވޭޓްވި ރާއްޖޭގެ ކޮންޓީޖެންޓް ސަޕޯޓުކުރަން ތިބީމަ. މިހާރު ގޯލްޑް ލިބިފައި އިނީމަ އެސްޕެކްޓޭޝަން މަތިވާނެ. އެނެގޭނެ ޕްރެޝާއެއްގެ ގޮތުގައި، މޯޓިވޭޝަންއެއްގެ ގޮތުގައިވެސް ދެން ރަފާމެން އުންމީދު މިކުރަނީ ކުރީގެ ސަޕޯޓް މިފަހަރުވެސް ލިބޭނެ ކަމަށް. ދެން އޭތި މޯޓިވޭޝަންއެއްގެ ގޮތުގައި ބަލާ ގޯލްޑަށް އެއިމް ކޮށްގެން ރަފާމެން މިދަނީ" ގައުމީ ޓީޓީ ޓީމުގެ ތަރި ރަފާ ބުންޏެވެ.

ގައުމީ ޓީޓީ ޓީމުން އައިއޯއައިޖީގެ ކުރިން ވަނީ ކްރޮއޭޝިއާގައި ޓްރެއިނިންގް ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ.

މިދިޔަ ފަހަރުގެ އައިއޯއައިޖީގައި ރާއްޖެއަށް އެންމެ ގިނަ ރަން މެޑަލް ހޯދައިދިން ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ބުނީ، އޭނާގެ މިފަހަރުގެ އަމާޒަކީ މިދިޔަ ފަހަރު ހޯދި ކާމިޔާބީ ތަކުރާރުކޮށް މިކްސް ޑަބަލްސް އިވެންޓުން ވެސް ކާމިޔާބު ހޯދުން ކަމަށެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ކުރިއަށްދިޔަ އައިއޯއައިޖީ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ހަމައެކަނި ނާކާމިޔާބުވީ މިކްސް ޑަބަލްސް އިވެންޓެވެ.

ރާއްޖޭގެ ޓީޓީ ސްކޮޑްގައި ހިމެނެނީ ހަ އަންހެން ކުޅުންތެރިންނާއި ހަ ފިރިހެން ކުޅުންތެރިންނާ އެކު ޖުމްލަ 12 ކުޅުންތެރިންނެވެ. އަންހެން ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް، ލައިސާ ފަތުހުﷲ، ފާތިމަތު ޖުމާނާ ނިމާލް އަދި އައިމިނަތު ޝިއުރާ ޝަރީފް އެވެ.

ފިރިހެން ހަ ކުޅުންތެރިންނަކީ މުހައްމަދު ޝައްފާން އިސްމާއިލް، މޫސާ މުންސިފް އަހުމަދު، މުހައްމަދު ޒީސްތު ނަސީމް، އަޚްޔާރު އަހުމަދް، އަހުމަދު ތާބިން ޝުޖާއު އަދި ޒީކް ހަސަން ލަތީފް އެވެ.

ޓީޓީ ޓީމުގެ ކުޅުންތެރިން ބުނީ އައިއޯއައިޖީ އަށް ތައްޔާރުވުމަށް ލިބުނު ވަގުތާމެދު ހިތްހަމަ ޖެހޭ ކަމަށާއި، ފަރިތަކުރުންތައް ކުރިއާލާ ފަށާ މިހާރު މުބާރާތައް ޓީޓީ ޓީމުން އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ކުޅުންތެރިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް