ގާސިމް އިބްރާހިމެއް ކަމަކު ހައްޔަރުކުރާނެ ކަމުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ގާސިމު ވިޔަސް ހައްޔަރު ކުރާނެ ކަމަށާއި ރައީސް ޔާމީންވެސް އެ އޮތީ ޖަލުގައި ކަމަށެވެ.
ރައީސް ސޯލިހް އެއްބުރުން ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރައްވާނެކަން ތަކުރާރުކޮށް ވިދާޅުވަމުން ޖާބިރު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށާއި 54 ވޯޓުން ގޮނޑިން ތިރިއަސް ފައިބަން ޖެހޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު އިލެކްޝަންސް ކޮމިޝަން މިވަގުތު އޮތީ ޕެރަލައިޒް ވެފައިކަމުގައި ޖާބިރު ފާހަގަކުރެއްވިއެވެ. ޖާބިރު އެ އަލިއަޅުއްވައިލެއްވީ އެ ކޮމިޝަނަށް މެންބަރަކު ހޮވުމަށް މަޖިލީހަށް އޮތް މަސްއޫލިއްޔަތުގެ މައްޗަށެވެ. ޖާބިރު ވިދާޅުވީ އެހެން ނަމަވެސް މަޖިލިސް އޮތީ ހަތަރު އަނގޮޅިއެއްގައި ހުއްޓިފައި ކަމަށެވެ.
"ގާނޫނާ ހިލާފަށް މަޖިލިސް އޮޕަރޭޓް ވެގެން ނުވާނެ، ކަން މިހެން ވަންޏާ އަޅުގަނޑަށް ޖެހޭނީ ޑްރޯނެއްގައި ގޮސް ތި ގޮނޑީގައި އިށީންނަން" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ރައީސް ނަޝީދު ގޮނޑިން ނުފައިބާނަމަ އެކަން ކުރާނީ ދައްލާލު ކޮމިޓީން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް