ކައުންސިލްތައް ހިންގުމުގައި ހައްލު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ދސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާއި އެކު މިއަދު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި އެވެ. މި ބައްދަލުވުމުގައި އެ ސިޓީގެ މަޖިލީސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް ވިދާޅުވީ އައްޑޫގެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ހައްލު ކުރަން ޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުގެ އިސްލާހުތަކާއެކީ ކުރި ތަޖުރިބާ އިން، ކައުންސިލްތައް ހިންގުމުގައި ބައެއް ކަންކަން ހައްލު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި އެ ސިޓީގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ވަނީ އައްޑޫ ސިޓީއަކީ މި ސަރުކާރުން އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢު ހިންގާ އެއް ސިޓީކަން އުފަލާއެކު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އެ ސިޓީ ކައުންސިލާ ގިނަ ގިނައިން ބައްދަލުކުރައްވައި ގާތުން ކަންކަން ބައްލަވަމުންދާ ކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އައްޑޫ ސިޓީގެ ތަރައްޤީއާ ގުޅޭ ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތާއި، ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. މިގޮތުން، ކައުންސިލްގެ މަސައްކަތްތައް ހިންގުމުގައި ދިމާވާ ބަޖެޓުގެ ދަތިކަމާއި، ބޯހިޔާވަހިކަމާއި، ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތަކާއި، އިޖްތިމާޢީ މައްސަލަތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ކައުންސިލުން ހުށަހެޅި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވާރަކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯއްދަވާދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާގައި އެކައުންސިލަަށް ދިމާވި ބައެއް ދަތިތައް ޙައްލުކުރަން ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް