މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ އެގާރައިގައި ރޮނާލްޑޯ އާއި ރަޝްފޯޑް ހިމެނިގެން ނުވާނެ - ރޫނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ ލިވަޕޫލާ ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅޭ މެޗަށް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މާކަސް ރެޝްފޯޑް ފުރަތަމަ އެގާރައިގައި ހިމެނިގެން ނުވާނެ ކަމަށް މެންޗެސްޓާ ޔ...

22 Aug 2022 | 06:11

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ ލިވަޕޫލާ ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅޭ މެޗަށް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މާކަސް ރެޝްފޯޑް ފުރަތަމަ އެގާރައިގައި ހިމެނިގެން ނުވާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ވޭން ރޫނީ ބުނެފި އެވެ.

ރޮނާލްޑޯއާއި އެކު މީގެ އަހަރުތަކެއް ކުރިން ޔުނައިޓެޑަށް ކުޅެ ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައިވާ ރޫނީ ބުނީ ލީގުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް ޔުނައިޓެޑު ބަލިވެފައިވަނީ ރަނގަޅު ކުޅުމެއް ނުދެއްކިގެން ކަމަށާއި އެހެންކަމުން މިރޭ ލިވަޕޫލާއި ދެކޮޅަށް ނެރެން ޖެހޭނީ ޒުވާން ހަލުވި ކުޅުންތެރިންކަމަށެވެ. އަދި އެންމެ ފަހުން ޔުނައިޓެޑު ކުޅުނު ދެ މެޗުގައި ވެސް ރޮނާލްޑޯ އާއި ރަޝްފޯޑަށް މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާތީ މިރޭގެ މެޗު ސްޓާޓިންގައި ނުހިމަނާ މި ދެ ކުޅުންތެރިން ބެއްޗުގައި ބަހައްޓައިގެން މެޗު ފެށުމަށް ވެސް ރޫނީ ވަނީ ގޮވާލާފައެވެ.

ރޫނީ ބުނީ ރޮނާލްޑޯ ޕްރިސީޒަން ދަތުރުގައި ބައިވެރި ވެފައި ނުވާތީ އޭނާގެ މެޗު ފިޓްނަސް ދައްކަމަށާއި އެގޮތުން ރޮނާލްޑޯއަށް ގިނަ ތަމްރީނުތަކެއް އަދިވެސް ބޭނުންވާކަމަށެވެ. އެހެން ކަމުން މިރޭގެ މެޗުގެ ފުރަތަމަ އެގާރައިން ރޮނާލްޑޯ އަށް ފުރުސަތު ނުދިނުމަށް ރޫނީ ވަނީ ބުނެފައެވެ. ރޫނީ އިތުރަށް ބުނީ ޓެން ހާގުގެ މަޤާމުގައި އޭނާ ހުރި ނަމަ މިރޭގެ މެޗުން ރަޝްފޯޑާއި ރޮނާލްޑޯ އަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދޭނޭ ކަމަށެވެ.

މީގެ އިތުރުން ރޫނީ ބުނީ ބްރެންޓްފޯޑާއި ބްރައިޓަން މެޗުގައި ކުޅުނު ކުޅުން ތަކުރާރުވުން ބަލައިނުގަނެވޭނޭ ކަމަށާއި މިރޭގެ މެޗަށް ބަދަލުތަކެއް ގެނެސްގެން ނޫނީ ކާމިޔާބާއި ހަމައަށް ވާސިލް ނުވެވޭނޭ ކަމަށެވެ.

ޔުނައިޓެޑުން ދައްކަމުން އަންނަ ދައް ކުޅުމުގެ ސަބަބުން ކޯޗަށާއި ކުޅުންތެރިންނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ރޫނީ ބުނީ ރޮނާލްޑޯ އަންނަނީ ޓީމުން ވަކިވާން މަސައްކަތް ކުރަމުން ކަމަށާއި ކުރިޔަށް އޮތް ފަސްއަހަރު ނޫނީ ހަ އަހަރު ކާމިޔާބީތައް ހޯދުމަށް ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީގެން ޓީމެއް ބިނާކުރުން މާ ބުއްދިވެރިކަމަށެވެ.

" މިރޭގެ މެޗަކީ މޮޅުވުން ވަރަށް މުހިންމު މެޗެއް. އެގޮތް ބޭނުމިއްޔާ މިރޭގެ މެޗަށް ބަދަލުތަކެއްވެސް އެބަ ގެންނަން ޖެހޭ. ރޮނާލްޑޯ އާއި ރަޝްފޯޑް ފުރަތަމަ އެގާރައިގައި ނުހިމަނަންވީ. އޭގެ ބަދަލުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން މިރޭގެ މެޗު ފެއްޓުން ރަނގަޅު." ރޫނީ ބުންޏެވެ.

އައު ކޯޗު އެރިކް ޓެން ހާގްގެ ކޯޗުކަމުގެ ދަށުން މި ސީޒަނުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ޔުނައިޓެޑް ބަލިވެފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެންމެ ފުލުން ދެވަނާގައެވެ. އެޓީމުން ކުޅުނު ފުރަތަމަ މެޗުން ބްރައިތަން އަތުން ބަލިވީ 1-2 ގެ ނަޓީޖާއިންނެވެ. އަދި ދެވަނަ މެޗުގައި ބްރެންޓްފޯޑް އަތުން ބަލިވީ 0-4 ގެ ނަތީޖާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް