އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަން އަތޮޅު ކައުންސިލްތަކުން ބާއްވާ ގޮތަށް އިސްލާހު ހުށަހަޅައިފި އެވެ.
މި އިސްލާހު ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. އޭނާ އިސްލާހު ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށެވެ.
އިސްލާހު ހުށަހަޅުއްވަމުން މިއަދު އޮތް ރައްޔޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރޮޒައިނާ ވިދާޅުވީ ޑަބްލިއުޑީސީގެ ބައި އިލެކްޝަންތައް އަވަސް އަވަހަށް ބާއްވަން ޖެހުމަކީ ވަގުތާއި ބަޖެޓުގެ ގޮތުން ދަތިތަކާއި ކުރިމަތިވަމުންދާ ކަމެއް ކަމަށެވެ. އެހެންވެ ގެނެވިފައިވާ އިސްލާހު ތަކަކީ މި މައްސަލަ ހައްލު ކުރެވޭނެ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.
އޭނާ ހުށަހަޅުއްވާފައިވާ އިސްލާހުތަކުގައި ބުނެފައިވަނީ ޑަބްލިއުޑީސީތަކުގެ ބައި އިލެކްޝަން އަތޮޅު ކައުންސިލްތަކުން ބާއްވާނީ އިލެކްޝަންސް ކޮމިޝަންގެ އިރުޝާދުގެ މަތިން ކަމަށެވެ. އެގޮަތަށް ނިންމީ އީސީ އާއި އެލްޖީއޭގެ ލަފާވެސް ލިބުމުން ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
ބައި އިލެކްޝަން ބާއްވާއިރު އިސްކަން ދޭނީ ގިނަ ދާއިރާތަކެއްގެ އިންތިހާބު އެއް ދުވަހަކު ބާއްވަން ކަމަށް ވިދާޅުވި އެވެ. އެގޮތުން ކޮމިޓީގެ މެމްބަރަކު އިސްތިއުފާ ދޭ ހާލަތެއްގައި އީސީ ކަނޑައަޅާ ދުވަހެއް ވަންދެން އަތޮޅު ކައުންސިލުން ބައި އިލެކްޝަން ފަސް ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.
އެކަމަކު ކޮމިޓީގެ ކޯރަމް ހަމަވާ އަދަދަށް އެ ރަށެއްގެ ޑަބްލިއުޑީސީގައި މެމްބަރުން މަދުވާނަމަ 60 ދުވަސް ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށް ރޮޒައިނާ ހުށަހެޅުއްވި އިސްލާހުގައި ވިދާޅުވެފައިވެ އެވެ.
ޑަބްލިއުޑީސީގެ ބައި އިލެކްޝަންތައް އަވަސް އަވަހަށް ބާއްވަން ޖެހޭ ކަމަށް ބުނެ އީސީން ވަނީ މީގެ ކުރިން ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން ކަމާ ބެހޭ ފަރާތްތަކުން އެކަމަށް ވީހާވެސް އަވަހަށް ހައްލެއް ގެނައުމަށް ގޮވާލާފަވެ އެވެ.
މިހާރު ޑަބްލިއުޑީސީ މެމްބަރަކު އިސްތިއުފާ ނުދޭ މަހެއް ނުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް