އިސްރާއީލުން އަނެއްކާވެސް ޣައްޒާއަށް ހަމަލާތަކެއް ދީ ކުޑަކުއްޖަކު ހިމެނޭހެން އެތަށް ބަޔަކު ޒަޚަމް ކޮށްލައިފި

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ. ހޮނިހިރު ދުވަހު އިސްރާއީލުން މި ހަމަލާ ދީފައި ވަނީ ދެ ޤައުމުގެ ބޯޑަރުގެ ސަރަޙައްދުގައި ބަދަލު ކުރެވުނު ބަޑީގެ ހަމަލާތަކަކަ...

22 Aug 2021 | 16:44

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.

ހޮނިހިރު ދުވަހު އިސްރާއީލުން މި ހަމަލާ ދީފައި ވަނީ ދެ ޤައުމުގެ ބޯޑަރުގެ ސަރަޙައްދުގައި ބަދަލު ކުރެވުނު ބަޑީގެ ހަމަލާތަކަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ބޯޑަރުގެ ސަރަޙައްދުގައި ބަދަލު ކުރި ހަމަލާތަކުގައި ފަލަސްޠީނުގެ 41 ރައްޔިތުންނަށް އަނިޔާވެފައި ވާއިރު، 2 މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. މި ހަމަލާތަކުގައި އިސްރާއީލު އަސްކަރިއްޔާގެ މީހަކުވެސް ވަނީ ވަރަށް ބޮޑަށް ޒަޚަމް ވެފައެވެ.

މިއާއިއެކު، އިސްރާއީލުން ވަނީ ހަމާސްގެ އިމާރާތަކަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާތަކެއްވެސް ދީފައެވެ.

މި ސަރަޙައްދުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ހަމާސްއިން އިސްނަގައިގެން ޤުދުސްގެ މައްސަލައިގައި ކުރިއަށް ގެންދިޔަ މުޒާހަރާއަކާއި ގުޅިގެންނެވެ. މި މުޒާހަރާގައި ފަލަސްޠީނު ރައްޔިތުން އިސްރާއީލު ސިފައިންނަށް އަތު ބޮމުގެ ހަމަލާތަކެއް ދީ ބައެއް މީހުން އިސްރާއީލުގެ ބޯޑަރު ހުރަސް ކުރަން މަސައްކަތް ކޮށްފައިވާ ކަމަށް އިސްރާއީލުން ތުހުމަތު ކުރެއެވެ.

މިކަމާއި ގުޅިގެން އިސްރާއީލު ސިފައިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އައިޑީއެފުން އަމަލު ކޮށްފައި ވަނީ ހަމަނުޖެހުން އުފައްދާ އެއްވުންތައް ރޫޅާލުމަށް ބޭނުން ކުރާ އުކުޅުތައް ކަމަށާއި، ބޭނުން ޖެހިއްޖެ ހިނދެއްގައި ބަޑިވެސް ޖަހާނެ ކަމަށެވެ.

އިސްރާއީލު ސިފައިން ބަޑި ޖެހުމުގެ ސަބަބުން މި ހަަމަލާގައި ފަލަސްޠީނުގެ 13 އަހަރުގެ ކުޑަކުއްޖަކަށްވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އެ ކުއްޖާގެ ބޮލަށް ވަޒަން އަރާފައިވާ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން މައުލޫމާތު ދެއެެވެ.

މީގެ އިތުރުން އެ ކުއްޖާގެ އަތާއި ފަޔާއި ބުރަކަށީގެ އިތުރުން ބަނޑަށްވެސް ވަޒަން އަރާފައިވާ ކަމަށް އެ ވުޒާރާއިން ހާމަ ކޮށްފައި ވެއެވެ.

ފަލަސްޠީނުގެ ހަމަލާތަކަށް ރައްދު ދިނުމަށް ކަމަށް ބުނެ އިސްރާއީލުން ވައިގެ މަގުން ހަމަލާތަކެއް ދީފައިވާކަން ހަމާސް އިންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. މިހާތަނަށް މި ހަމަލާތަކުގެ ސަބަބުން ގެއްލުމެއް ލިބިފައިވާ މީހެއް ދެނެގަނެވިފައި ނުވާ ކަމަށްވެސް ހަމާސްއިން ބުނެއެވެ.

މިއާއިއެކު، އިތުރު ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމަށް ބުނެ އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އިތުރު ސިފައިން ޣައްޒާގެ ބޯޑަރު ކައިރިއަށް ފޮނުވާފައެވެ. އަދި އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އަސްކަރިއްޔާއިން ވަނީ އިސްރާއީލުގެ އަޔަން ޑޯމް އެންޓި މިސައިލް ސިސްޓަމްވެސް އިތުރަށް ވަރުގަދަ ކޮށްފައެވެ.

އިސްރާއީލުން ވަނީ މި އަހަރުގެ މެއި މަހުވެސް ޣައްޒާއަށް އަމާޒުކޮށް ގިނަ ލާއިންސާނީ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި 250އަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައި ވާއިރު، ހަމާސްއިން ދިން ރައްދުގެ ހަމަލާތަކުގައި އިސްރާއީލުގެ 13 މީހުން ވަނީ މަރުވެފައެވެ.

އިސްރާއީލުން އަންނަނީ އަބަދުވެސް ޣައްޒާއަށް ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ. 2 މިލިއަނެއްހާ މީހުންގެ އާބާދީގެ މައްޗަށް އެކުލެވޭ ޣައްޒާގެ ޙަރަކާތްތަކާއި ދަތުރުފަތުރުތައްވެސް އިސްރާއީލުން ވަނީ ކޮންޓްރޯލް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް