ރާއްޖޭގައި ހިނގަމުންދާ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަސް ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
މިހާރު އޮތް ރިޔާޒީ ނިޒާމް ބަރުލަމާނީއަށް ބަދަލު ކުރުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މެސެޖަކުން ދަންނަވާފަ އެވެ. އެ މެސެޖުގައި ވަނީ އެމަނިކުފާނަށް ބޮޑުވަޒީރު ކަން ދެއްވުމަށް 2023 ވަނަ އަހަރުގެ ކުރީކޮޅު ރައިސް ސޯލިހުގެ ސަރުކާރު އުވާލުމަށް އެދިވަޑައިގެންފަ އެވެ.
ގައުމުގައި ބޮޑުވަޒީރަކު ހުންނަވާނީ ބަރުލަމާނީ ނިޒާމުގައި އެވެ. މި މައްސަލައިގަ ރައީސް އެފަހަރު ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ކަމަކަށް ވާތީ ދެންވެސް އެކަން ނިންމަވާނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.
ނިޒާމުގެ ވާހަކަ އަނެއްކާވެސް ދައްކަން ފަށާފައިި މިވަނީ ނިޒާމު ބަދަލު ކޮށްދިނުމަށް އެދި ނަޝީދު އިސްވެ ހުންނަވައި ހަދަމުންދާ ޕެޓިޝަނެއްގައި ސޮއި ކުރަން ފަށާފައި ވަނިކޮށެވެ. އެ ޕެޓިޝަން ހުށަހަޅުއްވަނީ ރައީސް ސޯލިހަށެވެ.
މިކަމާއި ގުޅިގެން މިއަދު ރައީސްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް މީޑިއާގައި ވިދާޅުވީ ނިޒާމުގެ މައްސަލާގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް ރައީސް އަދިވެސް ވިދާޅުވާ ކަމަށެވެ.
ރައީސް މިހާރު ދައްކަވާ ވާހަކަފުޅުތަކަށް ބަލާއިރު އެމަނިކުފާނު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށްކަން އެނގެ އެވެ.
އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ގޮތުގައި މަޖިލީހުގެ މެޖޯރިޓީ އޮތީ އެމަނިކުފާނާ އެކުގަ އެވެ. އަދި 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް އަދި ނުގެއްލޭ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް