މޭޒުގައި ބޯ އަޅައި ބަލި ކަމަށް ބުނެ ޝަރީއަތުގައި ދޮގު ހެދުމުން ނަޒީފް ޖޫރިމަނާ ކޮށްފި

މަރުގެ މައްސަލައެއްގެ އިސްތިއުނާފު އަޑުއެހުމުގައި ދައުވާ ލިބޭ ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފް ބަލި ކަމަށް ބުނެ ދޮގު ހެދުމުން ޖޫރިމަނާ ކޮށްފި އެވެ. މިއަދު ބޭއްވި ޝަރީއަތަކީ  2011 ވަނަ އަހަރު ވިލ...

22 Aug 2021 | 11:25

މަރުގެ މައްސަލައެއްގެ އިސްތިއުނާފު އަޑުއެހުމުގައި ދައުވާ ލިބޭ ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފް ބަލި ކަމަށް ބުނެ ދޮގު ހެދުމުން ޖޫރިމަނާ ކޮށްފި އެވެ.

މިއަދު ބޭއްވި ޝަރީއަތަކީ  2011 ވަނަ އަހަރު ވިލިމާލޭގައި ހިންގި މާރާމާރީއެއްގައި ނ. މާޅެންދޫ ވައިޓްހައުސް، އަހުމަަދު މިރުޒާ އިބްރާހިމް މަރާލި މައްސަލާގައި ނަޒީފްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުމެކެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ކްރިމިނަލް ކޯޓުން އޭނާ މަރަން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން ނަޒީފްގެ ފަރާތުންނެވެ.

އޮންލައިންކޮށް ކުރިޔަށް ގެންދިޔަ މި ޝަރީއަތުގައި ނަޒީފް ބައިވެރިވެފައިވަނީ މާފުށީ ޖަލުގައި އިނދެގެންނެވެ.

މިއަދުގެ އަޑުއެހުމުގައި ނަޒީފް ވަނީ ބަލިވެ އުޅޭކަމަށް ބުނެ ޝަރީއަތް ކުރިޔަށް ގެންދަން ބޭނުން ނުވާކަމަށް ބުނެފަ އެވެ. އެކަމަކު ފަނޑިޔާރުންގެ ބެންޗުން ނިންމެނީ ޑޮކްޓަރުގެ ލިޔުން ހުށަހަޅާފައި ނުވާތީ ޝަރީއަތް ކުރިޔަށް ގެންދާށެވެ.

ޝަރީއަތް ފެށުމުން އޭނާ މޭޒުގައި ބޯ އަޅައި ބަލި ކަމަށް ބުނެފަ އެވެ. އެގޮތަށް ދެ ވަނަ ފަހަރު ކަންތައް ކުރުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ތިން ވަނަ ފަހަރު ތަކުރާރުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަަަަަަށް ވިދާޅުވެފަ އެވެ. އެކަމަކު އޭނާ ވަނީ ތިން ވަނަ ފަހަރުވެސް ބަލި ކަމަށްބުނެ މޭޒުގައި ބޯ އަޅާފައި އެވެ.

އެހެންވެ، ފަނޑިޔާރުން ކަރެކްޝަންސްއަށް އެންގެވީ އޭނާގެ ހުން ހުރި މިންވަރު ބެލުމަށާއި އޭނާ އަށް ޖަލުގައި ދީފައިވާ ފަރުވާގެ ތަފްސީލު ކޯޓާ ހިއްސާ ކުރުމަށެވެ. އެކަން ބެލުމަށްފަހު މިއަދުގެ ޝަރީއަތުގައި ފަނޑިޔާރުން ނިންމެވީ ހުން އައިސްފައިވާ ކަމަށް ބުނެ ނަޒީފް ޝަރީއަތުގައި ދޮގު ހަދާފައިވާ ކަމަށެވެ.

އެގޮތަށް ބުނެ، ޝަރީއަތުގެ ނިޒާމާ ހިލާފަށް އޭނާ އަމަލު ކޮށްފައިވާތީ ކޯޓުތަކާ ބެހޭ ގާނޫނުގެ ދަށުން އޭނާ 2،000 ރުފިޔާ އިން ޖޫރިމަނާ ކުރީ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް