ޖަޕާނުން ރާއްޖެއަށް112،000 ޑޯޒުގެ އެސްޓްރަޒެނެކާ ވެކްސިން ހަދިޔާ ކޮށްފި އެވެ.
މި ވެކްސިނަކީ ކޮވެކްސް ފެސިލިޓީގެ ދަށުން ހަދިޔާ ކުރި ވެކްސިނެކެވެ. މިއީ ޖަޕާނުގެ "ލާސްޓް ވަން މައިލް ސަޕޯޓް" ގެ ދަށުން އެ ގައުމުން ދީފައިވާ ވެކްސިނެވެ.
މިއަދު ހަދިޔާ ކުރި ވެކްސިން ޖަޕާނު ސަރުކާރުގެ ފަރާތުން ރައްޖެ އާއި ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނު ސަފީރު ކެއިކޯ ޔަނާއީ އެވެ. ރާއްޖޭގެ ފަރާތުން ވެކްސިނާއި ރަމްޒީކޮށް ހަވާލުވެވަޑައިގެންނެވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ.
މި ރަސްމިއްޔާތުގައި ނަސީމް ވިދާޅުވީ ޖަޕާނުން މި ފޯރުކޮށްދިން ވެކްސިންއާ އެކު، ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ދިނުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލްވުމަށް އިތުރަށް ފަސޭހަ ވެގެންދާނެކަން ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވެކްސިންގެ އެހީގައި ނިއު ނޯމަލްއަކަށް ދެވި ސްކޫލުތަކުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.
ޖަޕާން ސަފީރު ކެއިކޯ ވިދާޅުވީ ކޯވިޑު ދަސްކޮށްދިން ފިލާވަޅަކީ ދުނިޔެ އަށް ކުރިމަތިވާ ބޮޑު ކާރިސާއެއްގައި އެއް ގައުމަކަށް އަމިއްލައަށް އޮވެ ކަންކަން ނުކުރެވޭނެކަން ކަމަށެވެ. އެގޮތުން ކޮންމެ ގައުމަކުން ވެސް އެ ގައުމަކަށް ވީ ވަރަކުން މި ބަލިން ދިފާއުވުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް ދަތިތައް ކުރިމަތިވިކަން ފާހަގަކުރެއްވި އެވެ.
މިއަދު ރާއްޖެއަށް ލިބުނު ވެކްސިން ޝިޕްމަންޓަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެ އަށް ލިބުނު ވެކްސިންގެ ހަތަރު ވަނަ ޝިޕްމަންޓެވެ. ކޮވެކްސްގެ ދަށުން މި މަހުގެ ކުރީކޮޅު އެމެރިކާ އިން ފޯރުކޮށްދިން 128،700 ޑޯޒްގެ ފައިޒާ ވެކްސިން ލިބިފައިވާއިރު މިހާރު ދަނީ ވެކްސިން ޖަހަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް