އދ. މަހިބަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
އެރަށުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި، ކަލެކްޝަން ސެންޓަރ ހުޅުވައިދެއްވީ އދ. އަތޮޅު ކައުންސިލުގެ ރައީސް، ޢަލީ ނަސީރު އެވެ.
މަހިބަދޫ ކަލެކްޝަން ސެންޓަރަކީ އެ ސަރަޙައްދަށް ނިސްބަތްވާ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކޮށްފައިވާ މުހިއްމު މަސައްކަތެއްކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.
އަތޮޅުތަކުގައި ގާއިމްކޮށްފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.
އޭގެތެރޭގައި، މީރާގައި ރަޖިސްޓަރީކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމަށް ވަނީ ނިންމާފަ އެވެ. އަދި ޓެކުހާ ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާނެކަމަށް މީރާއިން ބުނެ އެވެ.
މިހާތަނަށް މީރާއިން ވަނީ 18 އަތޮޅެއްގައި 19 އޮފީސް ގާއިމުކޮށް، އެ އޮފީސްތައް މެދުވެރިކޮށް އަތޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭން ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް