ފުލުހުންގެ ތަހުގީގާއި ގުޅޭ ބައެއް ލިޔުންތަކެއް ޔާމީނަށް ނުދޭން އެދިއްޖެ

އިދިކޮޅު ސިޔާސީ ޕާޓީތައް ހިމެނޭ ކޯލިޝަަންގެ ލީޑަރ އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތަށް ދައު...

22 Aug 2021 | 07:47

އިދިކޮޅު ސިޔާސީ ޕާޓީތައް ހިމެނޭ ކޯލިޝަަންގެ ލީޑަރ އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ފުލުހުންގެ ތަހުގީގާ ގުޅޭ ބައެއް ލިޔުންތައް ސިއްރުކޮށް، އެލިޔުންތައް ޔާމީނަށް ނުދެއްވަން ޕްރޮސެކިއުޓަރ ޖެނެރަލް ކޯޓުގައި އެދިވަޑައިގެންފިއެވެ.

ޔާމީންގެ މައްޗަށް މި ދެ ދައުވާ އުފުލީ، ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައެވެ.

މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ދައުލަތުގެ ފަރާތުންނާއި ޔާމީންގެ ފަރާތްޕުޅުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅުއްވަން ބޭނުންވާ ހުށަހެޅުންތަކަށް ފުރުސަތު ދެއްވުމާއި ހެކި ހާމަ ކުރުމާ ގުޅޭ ގޮތުން ބޭނުންވާ ހުށަހެޅުއްވުންތައް ހުށަހެޅުއްވުމެވެ.

ދައުލަތުގެ ފަރާތުން ހުށަހެޅުއްވީ ޔާމީނާ ދެކޮޅަށް ހުށަހަޅާ ހެއްކެއް ކަމުގައިވާ ފޮރެންސިކް ރިޕޯޓްގައި ހިމެނޭ މިންވަރެއް ޔާމީނަށް ނުދިނުމަށް އަންގައި އަމުރެއް ނެރެދިނުމަށެވެ. އެއީ ފުލުހުންގެ މޯބައިލް ފޮރެންސިކްގެ ސީޑީއާއި ކޮމްޕިއުޓާ ފޮރެންސިކް އެވިޑެންސްގެ ސީޑީއެކެވެ.

ދައުލަތުގެ ވަކީލު އައިޝަތު މުހައްމަދު ވިދާޅުވީ ދެ ރިޕޯޓްގައިވާ މައުލޫމާތުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ މީހުންގެ ޒާތީ މައުލޫމާތުތަކާއި، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގަށް ބޭނުންވާ ގިނަ މައުލޫމާތުތައް ހިމެނޭ ކަމަށެވެ. އެ މައުލޫމާތުތައް ދައުވާ ރައްދުވާ ފަރާތަށް ދޫކޮށްފިނަމަ، މުޖުތަމައަށް ދޫވާން ފުރުސަތު ލިބި، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގަށް ހުރަސް އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވީ މީގެ ކުރިން ވެސް ފާހަގަ ކުރެއްވި ބައެއް ކަންކަން ކަމުގައިވާ ދައުވާއާ ގުޅުން ހުރި ލިޔެކިއުންތަކާއި ސީޑީތައް މުވައްކިލަށް ލިބިގެން ނޫނީ ދިފާއުގެ ފުރުސަތު އިންސާފުވެރިކަމާ އެކު ނުލިބޭނެ ކަމަށެވެ.

މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ނޫނީ ބޮޑު އިގްތިސާދީ ގެއްލުމެއް ލިބޭނެ ހާލަތެއް ގާނޫނުގައި ބަޔާން ކުރާއިރު އެފަދަ ހާލަތެއް ނެތް ކަމަށާއި، ތަހުގީގަށް ހުރަސް އެޅޭނެ ހާލަތެއް ވެސް ނެތް ކަމަށް ޔަމީންގެ ވަކީލުން ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް