ބަދަލު ނުހިފާނެ ކަމަށް ބުނި ތޯލިބާނުން އަސްލު ސިފަ ދައްކަން ފެށުމުން އަފްގާން ރައްޔިތުންނަށް ގޮތް ހުސްވަނީ

އަފްގާނިސްތާނުގައި އެމެރިކާ އާއި ނޭޓޯ ސިފައިންގެ އެހީތެރިކަމާއި އެކު ހިންގި ވެރިކަން ވައްޓާލައި ތޯލިބާނުން އެ ގައުމު ހިފުމަށް ފަހު ދެއްކި ވާހަކަތަކާއި ހިލާފުވަމުންދާ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި ...

22 Aug 2021 | 07:34

އަފްގާނިސްތާނުގައި އެމެރިކާ އާއި ނޭޓޯ ސިފައިންގެ އެހީތެރިކަމާއި އެކު ހިންގި ވެރިކަން ވައްޓާލައި ތޯލިބާނުން އެ ގައުމު ހިފުމަށް ފަހު ދެއްކި ވާހަކަތަކާއި ހިލާފުވަމުންދާ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އަޝްރަފް ގަނީގެ ސަރުކާރު ވައްޓާލުމަށް ފަހު ތޯލިބާނުންގެ ބާރުގެ ދަށަށް ވެރިރަށް ކާބުލް ގެންދިއުމަށް ފަހު އެމީހުންގެ ސަރުކާރެއް އެކުލަވާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ފަހުން ނޫސްވެރިންނާައި ފުރަތަމަ ފަހަރަށް ބައްދަލު ކުރުމަށް ފަހު ބުނެފައިވަނީ އެއްވެސް ބަޔަކާއި ދެކޮޅަށް ބަދަލު ހިފުމުގެ ރޫހު އެ ޖަމާއަތުގައި ނެތް ކަމަށާއި މިފަހަރު ތޯލިބާނުން ކުރާނީ ތަފާތު އަދި ހުރިހާ އަފްގާން ރައްޔިތުންނަށް ބައިވެރިވެވޭ ވެރިކަމެއް ކަމަށެވެ.

މިދިޔަ 20 އަހަރު އަފްގާނިސްތާނުގައި އޮތް ސަރުކާރާއި އެގައުމުގައި ހަރަކާތްތެރިވި އެމެރިކާ އާއި ނޭޓޯގެ ސިފައިންނަށް އެހީވި އަފްގާން ރައްޔިތުންނަށް އެއްވެސް އަދަބެއް ނުދޭނެ ކަމަށް ބުންޏެވެ. އަދި އަންހެނުންނަށް ހަމަހަމަ ކަމާއި އެކު ތައުލީމު އުނގެނުމާއި މަސައްކަތް ކުރުމުގެ ފުރުސަތު މިފަހަރު ތޯލިބާނުން ދޭނެ ކަމަށް ބުންޏެވެ.

އެކަމަކު އެ ވާހަކަތަކަށް ހަފްތާއެއް ނުވަނީ ތޯލިބާނުންގެ އަމަލުތައް ބަދަލުވާން ފަށައިފި ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ. އެގޮތުން ބޭރުގެ ސިފައިންނަށް އެހީވި އަފްގާން ރައްޔިތުން ހޯދަން ތޯލިބާނުން ދޮރުން ދޮރަށް ހިނގަމުންދާ ކަމަށްވެ އެވެ.

ލިބިފައިވާ ބައެއް މައުލޫމާތުތަކާއި ރަސްމީ އޮފިޝަލުންގެ ފަރާތުން ލިބުނު މައުލޫމާތާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ތާލިބާނުން ބޭނުން މީހުން ހޯދުމަށް ގޭގެއަށް ވަދެ ބަލައި ފާސްކުރަމުންދާ އިރު ބައެއް އާއިލާތަކަށް ބިރު ދައްކަމުންދާ ކަމަށް ބުނެފައިވެ އެވެ. އަދި އެމީހުން ވަނީ ހޯދަން ބޭނުންވާ ވަކި ބައެއް ބްލެކް ލިސްޓު ކޮށްފައިކަމަށް ރިޕޯޓިތައް ބުނެ އެވެ.

އެފަދަ މީހަކަށް މިހާތަނަަށް ތޯލިބާނުންގެ ފަރާތުން ޖިސްމާނީ އަނިޔާއެއް ދިން ކަމެއް ނުވަަތަ މަރާލި ކަމެއް އަދި އެނގިފައެއް ނުވެ އެވެ. އެކަމަކު އެ ނުރައްކަލާއި ކުރިމަތިވާނެތީ ނޭޓޯ އާއި އެމެރިކާ ސިފައިންނަށް ވަޒީފާ އަދާ ކޮށްދިން އެތައް ހާސް އަފްގާން ރައްޔިތުންނެއް އެ ގައުމުން ބޭރު ކުރުމުގެ މަސައްކަތް ގައުމުތަކުން ދަނީ ކުރަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ހަމައެކަނި އެމެރިކާ ސިފައިންނަށް މަސއްކަތް ކޮށްދިން 20،000 އަށްވުރެ ގިނަ މީހުންނާއި އެކު އާއިލާތަށް ދިރިއުޅުން ބަދަލު ކުރުމުގެ ފުރުސަތު ދިނުމުން އެމެރިކާއަށް އަފްގާންގެ ލައްކައެއްހާ މީހުން ދިރިއުޅުން ބަދަލު ކުރާނެ އެވެ. އެމެރިކާއިން ބުނެފައިވަނީ އެ އެންމެން އެގައުމުން ބޭލެންދެން އެ ގައުމުގެ ސިފައިން އަފްގާންގައި ތިބޭނެ ކަމަށެވެ.

މީގެ އިތުރުން މިދިޔަ 20 އަހަރު އަފްގާންގައި އެކިއެކި ދާއިރާތަކުން ފާހަގަކުރެވި ނަން ވިދާލި އަންހެނުންނާއި އަންހެން ކުދިން އަދި ލަވަކިޔުންތެރިން އަފްގާން ދޫކޮށް ދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ގައުމު ދޫކޮށް ފިލާފައިވާއިރު ވެރިކަން ވެއްޓުމުގެ ކުރިން ތޯލިބާނުން ވަނީ އެފަދަ މީހުންނާއި އަންހެނުން އެ ޖަމާއަތުގެ ވެރިކަމެއްގައި މަރާނެ ކަމަށް ބުނެފަ އެވެ.

އަފްގާންގެ ވެރިކަން ވައްޓާލުމަށް ފަހު މިދިޔަ ހަފްތާއެއްހާ ދުވަހު ތޯލިބާނުން ދައްކަމުންދިޔައީ އެމީހުން 1996-2001 ވަނަ އަހަރަށް އަފްގާންގައި ކުރި ވެރިކަމުގައި ދެއްކި މަންޒަރެއް ނޫނެވެ. ގިނަ ބަޔަކު އަދި މީޑިއާގައިވެސް ރިޕޯޓު ކުރި ގޮތުގައި ތޯލިބާނުން ވަނީ ވަރަށް ބޮޑަށް ބަދަލުވެ ޒަމާނީ ވިސްނުން އައިސްފަ އެވެ.

އެގޮތުން ސެލްފީ ނެގުން ތޯލިބާނުންގެ ތެރޭގައި ވަރަށް އާންމު ކަމާއި ސޯޝަލް މީޑިއާ ބޭނުން ކުރާ ތޯލިބާން ޒުވާން ހަނގުރާމަވެރިން ގިނަ ކަންވެސް ފާހަގަވެފައިވެ އެވެ. މީގެ އިތުރުން އަންހެނުން މޫނު ނިވާ ނުކޮށް އާންމު ތަންތަނަށް ނުކުތުމާއި ބުރުގާ އަޅައިގެން ގަޔަށް ބާރު ހެދުން ލުން މަނާ ނުކުރާ ކަމަށް މިދިޔަ ހަފްތާގައި ރިޕޯޓުކޮށްފައިވެ އެވެ.

އެކަމަކު ރިޕޯޓުތަކަށް މައުލޫމާތު ދީފައިވާ ތޯލިބާން ޖަމާއަތް ދިރާސާ ކުރާ ފަރާތްތަކުން ވަނީ އެމީހުން ދައްކަމުން އެދަނީ އަސްލު މަންޒަރު ނޫންކަން ހާމަވާނެ ކަމަށް ބުނެފަ އެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ ކުރީގެ ތޯލިބާނުންގެ އިސްވެރިންނަކީ ހަރުކަށި އަނިޔާވެރި ބައެއް ކަމަށާއި މިހާރު ތިބި އެ ޖަމާއަތުގެ ޒުވާން ލީޑަރުން އަދި އެއަށްވުރެ ބޮޑަށް ހަރުކަށިވެފައި އަނިޔާވެރި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް