ގިނަ ޤައުމުތަކުން ބަލައިގަންނަ ވެކްސިން ޕާސްޕޯޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ސިއްހަތާއި ބެހޭ ވަޒީރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ވެކްސިން ޖަހައިދޭ ސެންޓަރުތަކުން ދޫކުރާ ވެކްސިނޭޝަން ކާޑުގެ އިތުރުން "ކޯވިޑް ސޭފް"ގެ ނަމުގައި ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް ދާދިފަހުން ރާއްޖޭގައި ވަނީ ތަޢާރަފުކޮށްފައެވެ. ނަމަވެސް ރާއްޖޭގައި ދޫކުރާ ވެކްސިނޭޝަން ކާޑާއި، ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ބައެއް ޤައުމުތަކުގައި ބަލައިނުގަންނާތީ، އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.
މީޑިއާއަށް މަޢުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވީ، ޗުއްޓީއަށާއި އެކި ބޭނުންތަކަށް ދިވެހިންވެސް ރާއްޖެއިން ބޭރަށް ގިނަ އަދަދަކަށް ދަތުރުކުރާއިރު، ވެކްސިން ޕާސްޕޯޓެއް އޮތުމަކީ މުހިއްމުކަމެއްކަމަށް އެމަނިކުފާނުވެސް ދެކެވަޑައިގަންނަވާކަމަށެވެ. ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެކި ޤައުމުތަކުގައި ފިޔަވަޅުތައް އަޅަމުންދަނީ އެކި އުޞޫލުންކަން ފާހަގަކުރައްވާ ނަސީމް ވިދާޅުވީ، ރާއްޖޭގައި މިހާރު ބޭނުންކުރާ ވެކްސިނޭޝަން ކާޑާއި، ޑިޖިޓަލް ޕާސްޕޯޓު ބައެއް ޤައުމުތަކުން ބަލައިގަތުމުގައި މައްސަލަތަކެއް ދިމާވަނީ އެއީ އެކި ޤައުމުތަކައި އެކިގޮތަށް ޢަމަލުކުރާތީކަމަށެވެ.
މިކަމަށް ހައްލެއް ހޯދުމަށްޓަކާ ގިނަ ޤައުމުތަކުން ބަލައިގަންނަ ފަދަ ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ވަރަށް ގިނަ މުއައްސަަސާތަކެއް ގުޅިގެން ކުރަންޖެހޭ މަސައްކަތެއްކަމުން، އެކަމަށް ވަގުތު ނަގާނެކަމަށް ވެސް ވިދާޅުވިއެވެ.
މިފަހުން ރާއްޖެއިން ބޭރުގައި ދިވެހިންތަކަކަށް ވަނީ މި މައްސަލަ ކުރިމަތިވެފައި އެވެ. ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހުމުން ދޫކުރާ ދިފާއު ކާޑު ބޭރު ގައުމުތަކުން ގަބޫލު ނުކުރަނީ އެ ކާޑުގައި އެއީ ރާއްޖެއިން ދޫކޮށްފައިވާ އެއްޗެސްކަން އެނގޭނެ އެއްވެސް ނިޝާނެއް ނެތުމުން ކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް