ގްރީންލޭންޑުގެ އައިސް ޝީޓުގެ އެންމެ އުސް ހިސާބަށް ފާއިތުވެ ދިޔަ ހަފްތާގައި ވާރޭ ވެހިއްޖެއެވެ.
މިއީ މި ހިސާބަށް ވާރޭ ވެހުނުކަން ރިކޯޑު ކުރެވިފައިވާ ފުރަތަމަ ފަހަރެވެ.
ސައިންވެރިން ވިދާޅުވަނީ މި ހިސާބަށް ވާރޭ ވެހެން މެދުވެރިވީ ދުނިޔެ ހޫނު ވުމުގެ ސަބަބުން ކަމަށާއި، މިއީ ކަންބޮޑު ވާން ޖެހޭ ކަމެއް ކަމަށެވެ. މިހާރުވެސް މި ބޮޑު އައިސް ޝީޓުގަނޑު އަންނަނީ އަވަސް މިނެއްގައި ފިނި ކެނޑި، ވިރެމުން ކަމަށްވެސް ސައިންސްވެރިން ވިދާޅުވެފައި ވެއެވެ.
ކޮލަމްބިއާގެ ލެމޮންޓް ޑޮހާރޓީ އާރތު އޮބްޒަވޭޓަރީގައި މަސައްކަތް ކުރައްވާ ގްލޭސިއޮލޮޖިސްޓް އިންދްރާނީ ދާސް މި ހާދިސާއާއި ގުޅިގެން ވިދާޅުވީ ވާރޭ ވެހުމަކީ އައިސް ޝީޓަކަށް ދުޅަހެޔޮ ކަމެއް ނޫން ކަމަށެވެ.އަދި އައިސްގަނޑުގައި ފެން ޖެހުމުން އެ ގަނޑުފެންގަނޑު އަވަހަށް ވިރުމަށް މަގުފަހި ވެގެންދާ ކަމަށްވެސް ދާސް ވިދާޅުވިއެވެ.
މި މަހުގެ 14 ވަނަ ދުވަހުު ގްރީންލޭންޑުގެ އައިސްޝީޓަށް ވަނީ އެތައް ގަޑިއިރެއް ވަންދެން ވާރޭ ވެހިފައެވެ. މިއާއިއެކު، މި ސަރަޙައްދުގެ ފިނި ހޫނު މިން 9 ގަޑިއިރު ވަންދެން ހުރީ ފްރީޒިންގ ޕޮއިންޓަށް ވުރެ މާ މަތީގައި ކަމަށް އެމެރިކާގެ ނޭޝަނަލް ސްނޯވ އެންޑް އައިސް ޑޭޓާ ސެންޓަރުގެ ސައިންސްވެރިން ވަނީ މައުލޫމާތު ދެއްވާފައެވެ.
މި ހިސާބުގެ ފިނި ހޫނު މިން އާންމު ގޮތެއްގައި ގަނޑުވާ ވަރަށް ވުރެ މައްޗަށް ނޭރި ނަމަވެސް، ފާއިތުވެ ދިޔަ 10 އަހަރު ތެރޭގައި ފްރީޒިންއަށް ވުރެ ފިނި ހޫނު މިން ވަނީ މަތިވެފައެވެ. 3 ދުވަސްތެރޭ މި ސަރަޙައްދަށް 7 ބިލިއަން ޓަނުގެ ވާރޭ ވެހިފައި ވެއެވެ.
މިއީ 1950ގައި ވާރޭ ވެހޭ މިންވަރު ރިކޯޑު ކުރަން ފެށި ފަހުން މިހާ ތަނަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ފަހަރެވެ.
ފެނަކީ ސްނޯއަށް ވުރެ ހޫނު އެއްޗަކަށް ވެފައި، އަލިމަޑު ވުމުގެ ސަބަބުން ފެނަށް އިރުގެ އަލި ދަމައިގަންނަ މިންވަރު އިތުރު ވެގެން ދެއެވެ. މިކަމުގެ ސަބަބަބުން ގަނޑުފެންގަނޑު ވިރި، އޭގެން އުފެދޭ ފެންގަނޑު ފައިބައިގެން ދަނީ ކަނޑުގެ ތެރެއަށެވެ.އަދި މި ގޮތަށް ފެންގަނޑު ފައިބައިގެން ދިއުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލިގެން ދެއެވެ.
ގްރީންލޭންޑުގެ އައިސް ޝީޓަކީ އެންޓާރޓިކާއާއި ޖެހިގެން ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ގަނޑުފެންގަނޑެވެ.މި އައިސް ޝީޓު ވިރުމުގެ ސަބަބުން ފާއިތުވެ ދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުގެ ކަނޑުތަކުގެ ލޮނުގަނޑު 25 އިންސައްތަ އިތުރަށް އުފުލިފައިވާ ކަމަށް ސައިންވެރިން ލަފާ ކުރައްވައެވެ. އަދި ދުނިޔެ ހޫނު ވަމުން ދިއުމުގެ ސަބަބުން މި އަދަދު އިތުރު ވަމުން ދާނެ ކަމަށްވެސް ސައިންސްވެރިން އިންޒާރު ދެއްވާފައި ވެއެވެ.
މި ވާރޭއަކީ ގްރީންލޭންޑުގެ އައިސް ޝީޓަށްވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ އިންޒާރެކެވެ. މިއަހަރުގެ ޖުލައި މަހުވެސް ގްރީންލޭންޑުން ވަނީ ފްލޮރިޑާގެ ބޮޑު މިން ހުންނަހާ ސަރަޙައްދެއް 2 އިންޗީގެ ބޯ މިނަށް ފުރާލެވޭހާ އައިސް ވިރިފައެވެ.
އެމެރިކާގެ އިސް ސައިންޓިސްޓެއް ކަމަށްވާ ޓްވައިލާ މޫން ދެކެލައްވާ ގޮތުގައި ގްރީންލޭންޑަށް ވެހުނު ވާރޭއާއި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވާ އެހެން ކާރިސާތަކާއިވެސް ގުޅުން އެބައޮތެވެ. މޫން ވިދާޅުވީ އަލިފާނާއި ފެން ބޮޑުވުމުގެ ހާދިސާތަކާއި އެހެނިހެން މިފަދަ ކާރިސާތަކުން އަންގައި ދެނީ ވަގުތުން ވަގުތަށް ގްރީންހައުސް ގޭސް ޖައްވަށް ދޫކުރާ މިންވަރު މަދު ކުރަން ޖެހިފައިވާ ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް