ޓޫރިސްޓު ބުކިން އާއި ބެހޭ މައްސަލަތަކެއް ތަހުގީގު ކުރަން ފަށައިފި

ރާއްޖެއަށް އޮޅުވާލައިގެން ޓޫރިސްޓުން ގެނައުމާއި ގުޅޭ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. މިދިޔަ ހަފްތާއެއްހާ ދުވަހު ގިނަ އަދަދެއްގެ ޓޫރިސްޓުން ފޭކު ބުކިންގައި ރާއްޖެ ގެނެސް ހާލުގައި...

22 Aug 2021 | 05:54

ރާއްޖެއަށް އޮޅުވާލައިގެން ޓޫރިސްޓުން ގެނައުމާއި ގުޅޭ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހު ގިނަ އަދަދެއްގެ ޓޫރިސްޓުން ފޭކު ބުކިންގައި ރާއްޖެ ގެނެސް ހާލުގައި ޖެއްސުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައި އެވެ. މިގޮތަށް ގިނައިން ގެނެސްފައިވަނީ އިންޑިއާ ޓޫރިސްޓުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ބުކިން އާއި ގުޅޭ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ މައްސަލަތަކީ ފުލުހުންނަށް ހުށަހެޅުމުން ތަހުގީގު ކުރަން ފަށާފައިވާ މައްސަލަތަކެއް ކަމަށް ވިދާޅުވި އެވެ.

އެކަމަކު މައްސަލަތަކާއި ގުޅޭ އިތު ތަފްސީލް ފުލުހުންގެ މީޑިއާ އޮފިޝަލް ނުދެއްވަ އެވެ.

ބައެއް ރަށްރަށުގައި މިކަން ކުރަނީ ކައުންސިލްތަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ރަށްރަށުގައި ހުންނަ ހުސް ގެތަކުގައި ޓޫރިސްޓުން ބައިތިއްބާއިރު ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީން ވަނީ ޓޫރިސްޓުން ތިބުމަަށް ރެޖިސްޓްރީކޮށްފައިވާ ތަންތަނުގައި ނޫނީ ނުބޭތިއްބޭނެ ކަމަށެވެ.

މީގެ އިތުރުން އެއް ކޮޓަރިއަކަށް ގިނަ އަދަދެއްގެ މީހުންނަށް ބުކިން ހައްދައިގެން ޓޫރިސްޓުން ގެންނަ މައްސަލަވެސް ވަނީ ބޮޑުވެފައެވެ. މިދިޔަ ހަފްތާގައިވެސް އެފަދަ ބޮޑު ގްރޫޕެއް އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް