ބީއެމްއެލްގެ މުވައްޒަފުން 6 ރަށެއްގައި އިޖްތިމާއީ ހަރަކާތްތަކެއް ހިންގައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން 6 ރަށެއްގައި އިޖްތިމާއީ ހަރަކާތްތަކެއް ހިންގައިފި އެވެ. މިއީ ވަރލްޑް ހިއުމަނިޓޭރިއަން ޑޭ ފާހަގަ ކުރުމުގެ ގޮތުން އަތޮޅުތެރޭގައި ގާއިމްކުރެވިފައިވާ ބީ...

22 Aug 2021 | 05:47

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން 6 ރަށެއްގައި އިޖްތިމާއީ ހަރަކާތްތަކެއް ހިންގައިފި އެވެ.

މިއީ ވަރލްޑް ހިއުމަނިޓޭރިއަން ޑޭ ފާހަގަ ކުރުމުގެ ގޮތުން އަތޮޅުތެރޭގައި ގާއިމްކުރެވިފައިވާ ބީއެމްއެލްގެ ބްރާންޗްތަކުގެ މުވައްޒަފުން އިސްނަގައިގެން މުޖުތަމައަށް އެހީތެރިވުމަށް ހިންގި ހަރަކާތްތަކެކެވެ.

މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ ށ. ފުނަދޫ، ނ. މަނަދޫ، ފ. ނިލަންދޫ. ތ. ގުރައިދޫ، ގދ. ތިނަދޫ އަދި އައްޑޫ ސިޓީ ގައެވެ.

މިގޮތުން ކުރިޔަށް ގެންގޮސްފައިވާ ހަރަކާތްތަކަކީ ށ. ފުނަދޫ ގެ ބަނދަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ ހަޓް ތަރައްގީކޮށް،  މިތަން ސާފުކޮށް ކުލަލުމާއި ކުޑަދޮރުތަކުގައި ބްލައިންޑްސް ވަނީ ހަރުކޮށްފަ އެވެ. އަދި ނ. މަނަދޫގެ އިރުމަތީ ފަރާތުގެ އަތިރިމަތީ ސަރަހައްދުގައި 25 ޖޯލި ބަހައްޓައި ރަށުގެ ކުޑަކުދިން ބޭނުންކުރުމަށް ހާއްސަކޮށް އުނދޯލި ވަނީ ހަރުކޮށްފަ އެވެ.

މީގެ އިތުރުން ފ. ނަލަންދޫ ބްރާންޗުގެ މުވައްޒަފުން ވަނީ ނިލަންދޫ ބީޗް ސަރަހައްދު ތަރައްގީކޮށްފަ އެވެ. މިގޮތުން، މި ސަރަހައްދުގައި ހުރި ޖޯލިތައް ބަދަލުކޮށް، ޑަސްޓްބިން ބަހައްޓައި، މޫދަށްދާ ފަރާތްތަަކަށް ފެންވެރުމަށް ހާއްސަ ތަނެއް ގާއިމްކޮށް، ބާބަކިއު ސްޓޭންޑް ބަހައްޓައި، މި ސަރަހައްދުވަނީ އިތުރަށް ޒީނަތްތެރިކޮށްފަ އެވެ. އަދި ތ. ގުރައިދޫ ބްރާންޗް މުވައްޒަފުން ވަނީ އެރަށުގެ ޔޫތް ސެންޓަރުގެ އެތެެރެ އާއި ބޭރު ފާރުގައި ކުލަލައި މި ސެންޓަރުގެ ހުރިހާ ލައިޓްތައް ބަދަލުކޮށްފަ އެވެ.

މި ހަރަކާތުގައި ގދ. ތިނަދޫ ބްރާންޗުގެ މުވައްޒަފުން ވަނީ ރަށުގެ މިއުޒިއަމް ޕާކްގައި ކުލަލައި އެތަން ޒީނަތްތެރިކޮށްފަ އެވެ. އަދި އައްޑޫ ސިޓީ ހިތަދޫ ބްރާންޗުގެ މުވައްޒަފުންނާއި، ގަން ބްރާންޗުގެ މުވައްޒަފުންނާއި ބީއެމްއެލް ކޮންޓެކްޓް ސެންޓަރގެ މުވައްޒަފުން ގުޅިގެން ވަނީ 'ހަންކެޑަ' ޕިކްނިކް ސަރަހައްދަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފަ އެވެ. މިގޮތުން ސަރަހައްދު ސާފުކޮށް ޑަސްޓްބިން ބަހައްޓައި މި ސަރަހައްދު ފާހަގަ ކުރުމަށް ނަން ބޯޑު ބަހައްޓާފައި ވެއެވެ.

ބީއެމްއެލްގެ އަތޮޅު ތެރޭގެ ބްރާންޗްތަކާއި، ބީއެމްއެލްގެ ވޮލަންޓިއަރުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތްތަކަކީ މުޖުތަމައުގެ ލާބަ އާއި މަންފާއަށް ހިންގުނު ހަރަކާތްތަކެކެވެ.

މިއަހަރުގެ މާރިޗު މަހުގައިވެސް ބޭންކުގެ މުވައްޒަފުންވަނީ މިފަދަ ހަރަކާތްތަކެއް ހިންގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް