އަސްލު އޮޅުވާލާފައިވާތީ އަކްޝޭގެ "ބެލް ބޮޓޮމް" ސައުދީ، ކުވައިތް އަދި ގަތަރުގައި މަނާކޮށްފި!

ބޮލީވުޑްގެ ފިލްމު "ބެލް ބޮޓޮމް" ގައި އަސްލު ހާދިސާގައި ކަން ހިނގާދިޔަ ގޮތް އޮޅުވާލާފައިވާތީ ސައުދީ އަރަބިއްޔާ، ގަތަރު އަދި ކުވައިތުގެ ސިނަމާތަކުގައި އެ ފިލްމު އެޅުވުން މަނާކޮށްފި އެވެ. އެ ފިލްމު އިންޑ...

22 Aug 2021 | 05:13

ބޮލީވުޑްގެ ފިލްމު "ބެލް ބޮޓޮމް" ގައި އަސްލު ހާދިސާގައި ކަން ހިނގާދިޔަ ގޮތް އޮޅުވާލާފައިވާތީ ސައުދީ އަރަބިއްޔާ، ގަތަރު އަދި ކުވައިތުގެ ސިނަމާތަކުގައި އެ ފިލްމު އެޅުވުން މަނާކޮށްފި އެވެ.

އެ ފިލްމު އިންޑިއާ އާއި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސިނަމާގައި ރިލީޒް ކުރީ މިމަހުގެ 19 ވީ ބުރާސްފަތި ދުވަހު އެވެ. މި ފިލްމަކީ އަކްޝޭ ކުމާރު ލީޑްރޯލުން ފެނިގެންދާ ރަންޖިތް ތިވާރީ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ.

"ބެލް ބޮޓޮމް" އަކީ ޖާސޫސް ކުރުމާއި ގުޅޭ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ. ފިލްމަކީ 1984 ގައި ހިނގާފައިވާ ހަގީގީ ހަދިސާއެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމު ރިލީޒް ކުރުން އެ ތިން ގައުމުގައި މަނާ ކުރީ ފިލްމުގެ ފަހުބައިގައި ޕާކިސްތުގެ ލާހޯރުން ފުރައިގެން ޔޫއޭއީގެ ދުބާއީއަށް ދިޔަ ފްލައިޓެއް ހައިޖެކް ކުރުމުން ފްލައިޓާއި އޭގައި ތިބި މީހުން ސަލާމަތް ކުރަން އޭރުގެ ޔޫއޭއީގެ ޑިފެންސް މިނިސްޓަރު ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް ކުރެއްވި މަސައްކަތް ފިލްމުގައި އޮޅުވާލާފައިވާތީ އެވެ. އަސްލު ހާދިސާގައި އެ ފްލައިޓު ސަލާމަތް ކުރަނީވެސް ޔޫއޭއީގެ ކަމާ ބެހޭ ފަރާތްތަކުންނެވެ.

"ބެލް ބޮޓޮމް" ގައި ފެނިގެންދަނީ އެ މަސައްކަތް އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން ކުރާ މަންޒަރެވެ. އަދި ޔޫއޭއީގެ އޭރުގެ ޑިފެންސް މިނިސްޓަރުގެ ނަން ބޭނުންކޮށް ނުވަތަ ރޯލެއް ފިލްމުގައި ދައްކާފައި ނުވާއިރު ފިލްމުގައި އެ ހާދިސާއިން ފްލައިޓު ސަލާމަތް ކުރަނީ އަކްޝޭ އާއި އިންޑިއާއިންނެވެ.

އެ ގައުމުތަކުގައި ފިލްމު އެޅުވުން މަނާކުރި އެ ސަބަބާއި ހެދި ކަމަށް ފިލްމު "ބެލް ބޮޓޮމް" ގެ ޕްރޮޑަކްޝަން ޓީމް ގަބޫލު ކުރެ އެވެ.

މި ފިލްމަކީ ކޯވިޑާއި ގުޅިގެން ދެ ވަނަ ފަހަރު އިންޑިއާ ލޮކްޑައުން ކުރުމަށް ފަހު ހުޅުވި ފަހުން ސިނަމާތަކުގައި ރިލީޒް ކުރި ފުރަތަމަ ފިލްމެވެ. އެ ތިން ގައުމުގައި ފިލްމު ރިލީޒް ކުރުން މަނާ ކުރި ނަމަވެސް ފިލްމު ރިލީސް ކުރި ފަހުން މިހާތަނަށް ފިލްމަށް ދަނީ ރަނގަޅު އާމްދަނީއެއް ލިބެމުންނެވެ.

މި ފިލްމުގައި އަކްޝޭގެ އިތުރުން ފެނިގެންދާ ތަރިންގެ ތެރޭގައި ހުމާ ގުރައިޝީ، ވާނީ ކަޕޫރު، ލާރާ ދުއްތާ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް