މެގީ ނޫޑްލްސްގައި ސިއްހަތައް ނުރައްކާވާ މިންވަރަށް “ލެޑް” އަދި މޮނޯ ސޯޑިއަމް ގްލުޓަމޭޓް” ހުރިކަން ފާހަގަވި މައްސަލައިގާ ބޮލީވުޑް މެގަ ސްޓާރ އަމީތާބް ބަޗަން އާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ބާތިލު ކުރުމަށް އަމީތާބުގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އަމީތާބާއި ދެކޮޅަށް ތަމިލްނާޑޫ ސްޓޭޓްގެ ކޮންސިއުމާ ޑިސްޕިއުޓްސް ރެޑްރެސަލް ކޮމިޝަނުން މައްސަލަ ހުށަހެޅީ މެގީ ޕްރޮމޯޓް ކުރުމުގައި އަމީތާބު ބައިވެރިވާކަމަށް ބުނެ އެވެ.
ނަމަވެސް މައްސަލަ ބާތިލުކުރުމަށް އަމީތާބުގެ ފަރާތުން ހުށަހެޅި ކޮމްޕްލެއިންގައި ބުނެފައިވަނީ މެގީ ނޫޑްސް ޕްރޮމޯޓް ކުރުމުގައި އަމީތާބު ހަރަކާތްތެރިވީ އެ ނޫޑްލީހަކީ ބޭނުންކުރަން އެކަށީގެންނުވާ ބާވަތެއްކަމަށް ކަނޑައެޅުމުގެ ކުރިން ކަމަށާއި އަދި އެ މައްސަލަގަނޑު ފެންމަތިވި އިރު އަމީތާބާއި މެގީ ކުންފުންޏާއި ދެމެދު ހަދާފާއިވާ އެއްބަސްވުން ނިމިފައި ވާކަމަށްވެސް އަމީތާބުގެ ފަރާތުން ހުށަހަޅާ ކޮމްޕްލެއިންގައި ބުނެފައި ވެ އެވެ.
މި މައްސަލައާއި ބެހޭގޮތުން އަމީތާބު ބުނެފައިވަނީ އޭނާއަކީ 190 ފިލްމުގައި އެކްޓް ކޮށްފައިވާ އިންޑިއާގެ ޔޫނިއަން ގަވަމެންޓުންދޭ ޕަދުމާ ޝްރީ، ޕަދުމާ ވިބޫޝަން، އަދި ޕަދްމާ ބޫޝަން އެވޯޑް ލިބިފައިވާ ފަރާތަކަށް ވާއިރު މިފަދަ މައްސަލައެއް އޭނާއާ ދެކޮޅަށް ޖައްސާފައިވަނީ އަގުވައްޓާލުމުގެ ގޮތުން ކަމަށެވެ.
މެގީ މައްސަލައިގާ އަމީތާބުގެ އިތުރުން މަދޫރީ ޑިކްޝިޓާއި ޕްރިތީ ޒިންތާއާއ ދެކޮޅަށްވެސް ވަނީ މައްސަލަ ޖައްސާފަ އެވެ.
މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އިންޑިއާގެ މާކެޓުން މެގީ ނޫޑްލްސް ނެގީ އޭގައި ސިއްހަތައް ނުރައްކާވާ މިންވަރަށް “ލެޑް” އަދި މޮނޯ ސޯޑިއަމް ގްލުޓަމޭޓް” ހުރިކަން ފާހަގަ ކުރެވިގެން ތަހުލީލުތަކެއް ކޮށް އެކަން ކަށަވަރު ކުރުމަށް ފަހުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް