އެމެރިކާއިން ބުދަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އައިސް ޖަމާއަތުގެ ސެކަންޑް އިން ކޮމާންޑް، ހާޖީ މުއްތާޒު މަރާލެވިފައިވާކަމަށް ވައިޓް ހައުސްއިން އިއްޔެ އާންމުކޮށްފި އެވެ.
"ފާދީ އަހްމަދު އަލް ހަޔާލީ، އާންމު ނަމުން ނަމަ ހާޖީ މުއްތާޒު މަރާލެވުވުނީ އިރާގުގެ މޫސުލް ކައިރިން ވެހިކަލެއްގައި ދަތުރު ކުރަމުންދަނިކޮށް ދިން ވައިގެ ހަމަލާއެއްގައި، މުއްތާޒާއެކު އައިއެސްއައިއެލް މީޑިއާ މެމްބަރެއް ކަމަށްވާ އަބޫ އަބްދުﷲ ވެސް މަރާލެވުނު" ވައިޓްހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެ އެވެ.
ވައިޓްހައުސް އިން ބުނީ މަރާލެވުނު މުއްތާޒަކީ އައިއެސްގެ ހަތިޔާރާއި ގޮވާތަކެއްޗާއި ވެހިކަލްތައް އެއްތަނުން އަނެއްތަނަށް ބަދަލު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކޯޑިނޭޓަރު ކަމަށެވެ. މިދިޔަ އަހަރު އިރާގުގެ މޫސުލް އަށް ދިން ވަރުގަދަ ހަމަލާތަކުގެ މޭސްތިރިއަކަށް ހުރީވެސް މުއްތާޒު ކަމަށްވެސް ވައިޓްހައުސް އިން ބުނެފައި ވެ އެވެ.
މުއްތާޒު އަކީ ސައްދާމް ހުސެއިންގެ ވެރިކަމުގައި އިރާގު ސިފައިންގެ ތެރޭގައި އިސް މަގާމުތަކެއް އަދާކުރި އަދި ސައްދާމް ހުސެއިން އާވެސް ގާތް ގުޅުމެއް އޮތް ފަރާތެއް ކަމަށްވެސް އެމެރިކާއިން ބުނެ އެވެ. އަދި އައިއެސްގެ ވެރިޔާ އަލް ބަގްދާދީގެ ހާއްސަ މީހަކަށް މުއްތާޒުވީ ސައްދާމް ހުސެއިން މަރާލުމަށްފަހު ކަމަށްވެސް އެމެރިކާއިން ބުނެ އެވެ.
އެމެރިކާއާއި ގިނަ ގައުމުތަކެއް ގުޅިގެން އައިއެސް ނައްތާލުމަށް ވަރުގަދަ ކޯލީޝަނެއް އެކުލަވާލުމަށްފަހު އެ މަސައްކަތް ފަށައިގެން އުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެމެރިކާއަށް މިކަމުގައި މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވާކަމަށް މުރާސިލުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް